މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ 90 ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އަންނަ ބުދަ ދުވަހު ފަށާއިރު މި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ފުވައްމުލަކު ސިޓީ އާއި ދ. ކުޑަހުވަދޫ ކަމަށް ގުރުއަތުން ދިމާވެއްޖެއެވެ.
ރޭ ބޭއްވުނު ގުރުއަތުލުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވާ 17 ޓީމު ހަތަރު ގްރޫޕަކަށް ބަހާލައިފިއެވެ. މުބާރާތް ކުރިއަށްދާނީ ޑިސެމްބަރު 25 ގެ ނިޔަލަށެވެ.
މުބާރާތުގެ މަޤްޞަދަކީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅޭ ރަށެއް ހޯދުން ކަމަށް 90 ޕްލަސްގެ ފަރާތުން ވިދާޅުވިއެވެ. އަދި ލީގަށް ފެންވަރު ރަނގަޅު ކުޅުންތެރިން ހޯދުމަކީވެސް މުހިންމު މަޤްޞަދެއް ކަމަށް ބުންޏެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުރިޔަށްދާ މުބާރާތުގެ ޓިކެޓް އަގުތަކަކީ 30 ރުފިޔާ، 50 ރުފިޔާ އަދި 100 ރުފިޔާއެވެ. މުބާރާތުގެ ހުރިހާ މެޗެއް ޤައުމީ ޓީވީން ދައްކާނެއެވެ.



