ބައިނަލްއަޤްވާމީ ކެރަމް ދުނިޔޭގައި އިތުރު ކުރިއެރުމެއް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ. އެގޮތުން އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) ގެ ނައިބު ރައީސްކަމަށް ދިވެހި ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ރައުޝާން އިންތިޚާބުވެއްޖެއެވެ.
މި މަޤާމަށް ރައުޝާން ހޮވިފައިވަނީ އެމެރިކާގެ ސެން ފްރެންސިސްކޯގައި ހިނގަމުންދާ ހަވަނަ ކެރަމް ވޯލްޑް ކަޕާ ގުޅިގެން އިއްޔެ ބޭއްވުނު އައިސީއެފްގެ ކޮންގްރެސްގައެވެ. މި އިންތިޚާބާ ގުޅިގެން ރައުޝާން ވަނީ އައިސީއެފްގެ ނައިބު ރައީސްކަން ފުރާ އެންމެ ހަގު އުމުރުގެ ފަރާތްކަމުގެ ރެކޯޑު ހާސިލުކޮށްފައެވެ.
ރައުޝާންގެ ކެރަމް ދަތުރު ފެށުނީ 2013 ވަނަ އަހަރު އިންޓަރ ސްކޫލް މުބާރާތުގައި ކުޅުންތެރިއެއްގެ ހައިސިއްޔަތުންނެވެ. އޭގެ އަހަރެއްފަހުން، 2014 ގައި ރާއްޖޭގައި ބޭއްވުނު ކެރަމް ވޯލްޑް ކަޕުގައި އޭނާ ވަނީ އަމްޕަޔަރެއްގެ ގޮތުގައި މަސައްކަތްކޮށް، ފައިނަލް މެޗުގައިވެސް އިންސާފުކޮށްފައެވެ.
2019 ގައި ދިވެހި ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމާ ހަވާލުވި ރައުޝާން، އެސޯސިއޭޝަން ހިންގުމުގެ އިތުރުން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރިއެވެ. އަދި މިއަހަރު ރާއްޖޭގައި ބޭއްވުނު އޭޝިއަން ޗެމްޕިއަންޝިޕް އިންތިޒާމުކުރުމުގައިވެސް އިސް ދައުރެއް އަދާކުރިއެވެ.
ރައުޝާން ކުރިއަށް އޮތް ހަތަރު އަހަރު އައިސީއެފްގެ ނައިބު ރައީސްކަން ކުރާނެއެވެ. މިއީ ދިވެހި ކެރަމްގެ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ މަތީ މަޤާމެވެ.



