ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބޭނުންކުރެވޭގޮތައް އުރީދޫއިން "ސައުދީ ޕާސްޕޯޓު"ގެ ނަމުގައި ރޯމިންގ ސިމެއް ތައާރަފުކޮށްފިއެވެ.
މި ސިމާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ މި ސިމް މި ޙައްޖު މޫސުމުގައި ސައުދީގައި ބޭނުންކުރެވޭނެ ކަމަށެވެ. 1000 ރުފިޔާއަށް ލިބޭ މި ސިމް ސައުދީއަށް ފުރުމުގެ ކުރިން އުރީދޫއިން ގަނެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ސައުދީ އެއާރޕޯޓަށް ފޭބުމަށްފަހު ސިމް ލެއްވުމުން އިންޓަރނެޓްގެ ޚިދުމަތް ލިބޭނެ ކަމަށާއި މިއީ އުމްރާއަށް ދާމީހުންނާއި ހައްޖުވެރިންގެ ފަސޭހައަށް އުރީދޫއިން ތަޢާރަފްކުރި ޚިދުމަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ސިމަކީ 15 ޖީބީ ޑޭޓާ، 60 މިނެޓުގެ ކޯލުކުރުމާއި ލިބުން އަދި 60 އެސް.އެމް.އެސް ރޯމިންގގައި ބޭނުންކުރެވޭ ގޮތަށް ބަންޑްލް ކުރެވިފައިވާ ސިމެކެވެ. މީގެ އިތުރަށް ބޭނުން ކުރެވޭ ޑޭޓާއަށް ނަގާނީ އެމް.ބީއަކަށް 0.99ރ އެވެ.
މި ސިމާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އުރީދޫގެ ސަޢޫދީ ޕާސްޕޯޓް ޓްރެވަލް ސިމް ތަޢާރަފްކުރުމަކީ ޙައްޖުވެރިންނަށް ލުއިފަސޭހަކަމާއެކު ސައުދީ އަރަބިޔާގައި ހުރެގެން ރާއްޖެއަށް ގުޅާލުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މި މަސައްކަތުގެ ސަބަބުން ޙައްޖުގެ ބަރަކާތްތެރި އަޅުކަމުގައި އުޅޭ ފަރާތްތަކަށް މުވާސަލާތު ކުރުން ފަސޭހަވެ، މުޖުތަމަޢުގެ ބޭނުންތައް ފުއްދައިދިނުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް އުރީދޫއިން ކުރާ މަސައްކަތުގެ މިސާލުވެސް ފެނިގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން އުރީދޫގެ ފަރާތުން އިސްނަގައިގެން ރައްޔިތުންނަށް ބޭނުންވާ މިފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ކަމަށްޓަކައި މިނިސްޓަރ ވަނީ އެ ކުންފުންޏަށް ޝުކުރު ދަންނަވާފައެވެ.



