ސްކޫލުތަކުން ދަރިވަރުންނަށް ތުނބުޅި ބާލަން އެންގުމަކީ އިސްލާމްދީނާ ޚިލާފު ކަމެއް ކަމަށާއި، އެފަދަ އަމުރަކަށް ދަރިވަރުން ކިޔަމަންވާކަށް ނުޖެހޭނެ ކަމަށް ޝައިޚް ޢަބްދުއްސަލާމް ދާއޫދު ވިދާޅުވެއްޖެއެވެ.
ހުސްވި ހަފްތާގައި ދާރިސް ޓީވީން ލައިވްކޮށް ފޮނުވި "އިލްމީ ޚަޒާނާ" ޕްރޮގްރާމްގައި ޝެއިޚް ޢަބްދުއްސަލާމް ވިދާޅުވީ ތުނބުޅި ބޭލުމަކީ ނަބިއްޔާގެ ސުންނަތާ ޚިލާފު ކަމެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް ވާތީ، ހުރިހާ ވުޒާރާތަކަކުންވެސް އިސްލާމްދީނާއި އެއްގޮތަށް ޢަމަލުކުރުމުގެ ޙައްޤު އެންމެންނަށް ލިބިދޭންޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ތުނބުޅި ބާލަން އަންގާ މީހާއަކީ ރަސޫލާގެ ސުންނަތާ ދެކޮޅުހަދާ މީހަކަށް ވެދާނެ," ޝެއިޚް ޢަބްދުއްސަލާމް ވިދާޅުވިއެވެ. "އެއްވެސް ޙާލެއްގައި ދަރިވަރުންނަށް ނުވަތަ މުވައްޒަފުންނަށް ތުނބުޅި ބާލަން ނޭންގޭނެ."
ޢަބްދުއްސަލާމްގެ ރަޢުޔު އާއި ޚިލާފުވާ ވަރަށް ގިނަ ދަންނަބޭކަލުން ވެސް ވެއެވެ. ބައެއް ފިޤްހު ޢިމްލުވެރިން ބުނާ ގޮތުގައި ތުބުޅި ބޭލުމަކީ ހުއްދަ ކަމެކެވެ. އަދި ބައެއް ބޭކަލުންގެ ނަޒަރުގައި މަކްރޫހެވެ. އެހެންކަމުން މިއީ ޚިޔާލު ތަފާތު މައްސަލައެކެވެ.
ބައެއް ސްކޫލުތަކުން ދަރިވަރުންނަށް ތުނބުޅި ބާލަން އަންގާ ކަމުގެ ޝަކުވާތައް އިތުރުވަމުން އަންނައިރު ޝެއިޚް ޢަބްދުއްސަލާމްގެ މި ބަސްފުޅާއި ގުޅިގެން ކަމާބެހޭ އެއްވެސް ވުޒާރާއަކުން އަދި ބަޔާނެއް ނުނެރެއެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ބޮލާއި ތުނބުޅި އެމީހެއްގެ ނުރުހުމުގައި ނުބޭލޭނެ ގޮތަށް ޤާނޫނަށް ބަދަލުގެންނަން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ނިންމާފައިވާ ކަމެވެ. އެ ކޮމިޝަނުން ކަރެކްޝަންސް އަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ޖަލުތަކުގައި ތިބޭ ފިރިހެން ގައިދީންގެ ބޮލާއި ތުނބުޅި އެމީހުންގެ ނުރުހުމުގައި ނުބޭލޭނެ ކަމަށެވެ.



