މާލޭގައި މީގެ ހަ އަހަރު ކުރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ޕްރެސިކުޓާ ޖެނެރަލް ހައިކޯޓަށް ހުށަހަޅައިފި އެވެ.މުހައްމަދު އަނަސް، ފެންފިޔާޒުގޭ/ރ. މީދޫ، އަނިޔާވެރި ގޮތަކަށް މަރާލީ 31 ޖުލައި 2017ގަ އެވެ. މި މައްސަލާގައި ކްރިމިނަލް ކޯޓުގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. އެއީ:ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ:    1-އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ/ މާލެ    2-އަހުމަދު ޒަޔާން، އަސުރުމާގެ/ ޅ. ކުރެންދޫ    3-އުސްމާން ޝަރީފް، މ. ދިމިޝްގު/ މާލެގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ:    1-ޖުނައިހު އަބްދުﷲ، ނަންނާރިގެ/ ލ. ގަން ތުނޑީ    2-ހަސަން މަހްފޫޒް، ވެސްޓަންވިލާ/ ސ. ފޭދޫ    3-ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746/ މާލެ    4-މުހައްމަދު ޝާޒް، ގުލްފާމުގެ/ތ. ކިނބިދޫ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށާހަޅާފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ.އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިިދިޔަ 25 ފެބްރުއަރީ ގަ އެވެ.އަނަސް މަރާލުމުގައި ހަތަރު މީހުން ބައިވެރިނުވާ ކަމަށް ނިންމާފައިވާ ސަބަބެއްގެ ގޮތުގައި އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ، އެ ދައުވާތައް ސާބިތުކުރަން ފުލުހުން ހުށަހަޅާފައިވާ، ހެކި ގަރީނާތަކުން، އެ ކުށުގައި އެ މީހުން ބައިވެރިވެފައިވާކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. އެގޮތުން، ސީސީޓީވީ ފުޓޭޖުންނާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން ވެސް އެ މީހުންނާ ދެކޮޅަށް ކުށް ސާބިތުކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.އެގޮތުން ހުކުމްގައި ވަނީ:    އަނަސް އަށް ހަމަލާދިނުމަށް ލިޓަސް ގަރާޖުތެރެއަށް ވަން މީހުންނަށް އެހީވެދިން ކަން ސާބިތުކުރަން ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖުތަކުން، އެއީ ސީދާ ދައުވާ ރައްދުވާ މީހުންކަން ސާފެއް ނޫން    ހުށަހަޅާފައިވާ އެހެނިހެން ގަރީނާތަކުން ވެސް އެ ކުށް ކުރުމުގައި އެއްވެސް މީހަކު ބައިވެރިވެފައިވާކަން ސާބިތު ކޮށެއް ނުދެވޭ    ފުޓޭޖުތަަކުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވޭ    ދައުވާ ސާބިތުކުރަން ހުށަހަޅާފައިވާ ކޯލު ރެކޯޑުތަކަކީ ފުލުހުން ތައްޔާރުކޮށްފައިވާ އެއްޗަކަށްވާތީ އެއަށް ބުރަދަނެއް ނުދެވޭނެ    އިންޓެލިޖެންސް ރިޕޯޓާއި ތަހުގީގީ ރިޕޯޓަކީ ވެސް ބުރަދަނެއް ދެވޭނެ އެއްޗެއް ނޫންފާހަގަކޮށްލެވޭ ކަމެއް - މި މައްސަލާގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވާ ހަމައެކަނި ކުއްޖާގެ އަދަބު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލުއިކޮށްދީފައިވަނިކޮށް، އެ މައްސަލާގައި ތުހުމަތުވާ އެހެން އެންމެން ވެސް ހަ އަހަރު ފަހުން މިނިވަންވެގެން ދިއުމުން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.