ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ރާއްޖެ އާއި ރާއްޖެއިން ބޭރަށް ދަތުރު ކުރާ މަންޒިލްތަކަށް ވަކިވަކިން ޓިކެޓް ނަގަން ނުޖެހޭ ގޮތަށް ނިންމަވައިފި.
މޯލްޑިވިއަން އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވިއަންއިން ދަތުރު ކުރާ 16 ޑޮމެސްޓިކް އެއާޕޯޓާއި ރާއްޖެއިން ބޭރަށް ދަތުރު ކުރާ ތިން މަންޒިލްތަކަށް އެއް ތަނުން ޓިކެޓު ނެގޭ ގޮތަށް ހިދުމަތް ދެވޭ ތްރޫފަރެސް ލޯންޗުކޮށްފައިވާ ކަމަށެވެ. އެ ތިން މައްޒިލަކީ ބަންގްލަދޭޝްގެ ޑާކާ، އިންޑިއާގެ ބެންގަލޫރް އަދި ސްރީ ލަންކާގެ ކޮލަންބޯ ކަމަށްވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
ތްރޫފަރެސް މެދުވެރިކޮށް ދަތުރުއެއްކޮށް ބުކް ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި ވަކި ވަކިން އެކި މަންޒިލްތަކަށް ޓިކެޓް ބުކް ކުރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބި ދަތުރަށް އިތުރު ލުއިކަމެއް ލިބިގެންދާނެ ކަމަށްވެސް މޯލްޑިވިއަން އިން ބުނެފައި ވެއެވެ.
އަދި ތްރޫފަރެސް މެދުވެރިކޮށް ދަތުރުކުރާ ޕަސެންޖަރުންނަށް ފަސް އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް މޯލްދިވިއަނުން ވަނީ ބުނެފައެވެ. އަދި ޑޮމެސްޓިކް ފްލައިޓަށް ޗެކްކުރި ބެގޭޖްގެ އަދަދަށް އިންޓަނޭޝަނަލް ފްލައިޓަށް ވެސް އެރުވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
މޯލްޑިވިއަނުން ބުނެފަވާ ގޮތުގައި ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ދެ މަންޒިލް ކަމަށްވާ ޓްރެވިންޑްރަމާއި ކޮޗިން ވެސް ތްރޫފަރެސްގައި ކުރިއަށް އޮތްގާއި ހިމަނާނެއެވެ.
މޯލްޑިވިއަންގެ ވެބްސައިޓުންނާއި ޓިކެޓް އޮފީހުން އަދި ސޭލްސް އޭޖެންޓުންގެ ޒަރިއްޔާއިން ތްރޫފަރެސްކޮށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ހޯދޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.



