މާލޭގައި މަގެއްގައި އެތައް ބައެއްގެ ކުރިމަތީ މާރާމާރީ ހިންގި މައްސަަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އާައްމުވެފައިވާ ވީޑިއޯއިން ފެނިގެން ދަނީ ސައިކަލުގައި އައި ތިން މީހަކު އެކަކު އަނެކަކު ގައިގައި ތަޅާ އަނިޔާކޮށް، ހަޑި ހުތުރު ބަހުން ވާހަކަ ދައްކާ މަންޒެރެވެ. އެ މީހުން ހުއްޓުވަން އެކަކު މަސައްކަތް ކުރާ މަންޒަރު ފެނިގެންދާއިރު، ސައިކަލުަގއި މަޑުކޮށްގެން ބައެއް މީހުން އެ މަންޒަރު ބަލަން ތިބި މަންޒަރު ވެސް ފެނިގެން ދެއެވެ.
ފަހުން ދެ މީހަކު އެއް ސައިކަލަުގައި އެތަނުން ދާ މަންޒަރު ފެންނައިރު، ތިން ވަނަ މީހާ ވެސް އެހެން ސައިކަލެއްގައި އެތަނުން ދާ މަންޒަރުވެސް ވީޑިއޯއިން ފެނިގެން ދެއެވެ. އަދި އެ ސަރަައްދަށް ފަހުން ފުލުހުން އަންނަ މަންޒަރުވެސް އެ ވީޑިއޯއިން ފެނިގެން ދެއެވެ.
މި ވީޑިއޯ އާ ގުޅިގެން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، މި މާރާމާރީގެ މައްސަލައިގައި މިހާރު ދެ މީހަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަަމަށެވެ.



