އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީ (އަރްބާ) ގެ ދަރިވަރުން މެލޭޝިއާގައި ތަމްރީންތައް ހަދަން ފަށައިފިއެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީ އިން ކޮންމެ އަހަރަކުވެސް އެ އެކަޑަމީގެ ކުޅުންތެރިން ތަމްރީނަށް ރާއްޖެއިން ބޭރަށް ފޮނުވައެވެ. ތަމްރީނަށް ދަރިވަރުން ފުރާފައި ވަނީ އޭޕްރިލް 28 ވަނަ ދުވަހުއެވެ.
މީ އެއް މަސް ދުވަހުގެ ޕްރޮގްރާމްއެކެވެ. މި ތަމްރީނަށް ބޭރަށް ފުރި ދަރިވަރުން ރާއްޖެ އަންނާނީ މެއި މަހުގެ 26 ވަނަ ދުވަހެވެ.
މި ތަމްރީނުގެ އެއްމެ ބޮޑު އެއް މަގުސަދަކީ ކުރިއަށްއޮތް ޖޫނިއަރ މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކޮށް ޒުވާން ރަނގަޅު ބެޑްމިންޓަން ޖީލެއް އުފެއްދުން ކަމުގައި އެ އެކަޑަމީ އިން މައުލޫމާތުދެއްވައެވެ.
މެލޭޝިއާގެ ނިއުވިޝަން އެކަޑަމީ އަރްބާ އާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 2021 ވަނަ އަހަރުން ފެށިގެން އަރްބާގެ ކުޅުންތެރިން އެއްމަސް ދުވަހުގެ ތަމްރީން ޕްރޮގްރާމްތަކެއް މެލޭޝިއާގައި ކުރިއަށްގެންދެއެވެ. މި ތަމްރީން ޕްރޮގްރާމް ތަކުގައި ކޮންމެ ދުވަހަކުވެސް 2 ގަޑިއިރުގެ 2 ޓްރެއިނިން ސެޝަން ކުރިއަށް ދާނެއެވެ. މެލޭޝިއާގެ ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވާނީ އަރްބާގެ ދަރިވަރުންގެ ތެރެއިން ސެލެކްޝަނެއް ހެދުމަށްފަހުއެވެ. މިގޮތުން މިފަހަރުގެ ތަމްރީނުގައި އަރްބާގެ 7 ދަރިވަރަކު ބައިވެރިވެއެވެ.
މިފަހަރުގެ ތަމްރީނުގައި ބައިވެރިވާ އަރްބާގެ ދަރިވަރުންގެ ތެރޭގައި ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހަރަކާތްތެރިވާ އާއިޝަތު ޔޫމީ އަލީ އަހުމަދުގެ އިތުރުން ރާއިދު ހާނިސް މޫސާ، އާއިޝަތު ހާޖަރު ހާނިސް މޫސާ، އާއިޝަތު ރާނިޔާ ބިންތު ރަހުމަތުﷲ ގެ އިތުރުން މުހައްމަދު ނާޖިލް އިސްމާއިލް ޝަފީގު އާއި ލޫސީން ސަރުވާޝް އާދަމް އަދި ޔޫސުފް ޒިވް މުހައްމަދު ހާލިދު ބައިވެރިވެއެވެ.
ދެ ޖިންސުގެ ކުދިންނަށްވެސް ހަމަ ހަމަ ފުރުސަތު ތަކާއިއެކު ބެޑްމިންޓަން އިން ކުރިއަށްދިއުމަށް އަރްބާއިން ކުރަމުންދާ މަސައްކަތުގައި މެލޭޝިއާގެ ތަމްރީނު ޕްރޮގްރާމްގައި ވަކި ސެލެކްޝަންއެއް ހަދައިގެން ކުދިން ހޮވައިގެން ގެންދަނީ ދަރިވަރުންނަށް މި ފުރުސަތުގެ އަގުވަޒަން ކުރުވުމާއި މި ކަމުގެ ސީރިއަސްކަން ދަރިވަރުންގެ މެދުގައި ގެއްލިނުދިނުމަށްކަމުގައި އަރްބާއިން މައުލޫމާތު ދެެއްވައެވެ.
ރާއްޖޭގެ އެކަޑަމީ އަކުން ޖޫނިއަރ ދަރިވަރުން ރާއްޖޭން ބޭރަށް ގެންގޮސްގެން ތަމްރީނު ޕްރޮގްރާމްތަށް ކުރިއަށް ގެންދަން ފެށީ އަރްބާއިންނެވެ. އެހެންކަމުން އަރްބާއިން ކޮށައިދިން މަގުން އެހެން އެކަޑަމީ ތަކުންވެސް މިހާރު ޖޫނިއަރ ކުޅުންތެރިން ތަމްރީނު ޕްރޮގްރާމް ތަކަށް ފޮނުވަމުންގެންދެއެވެ. މިކަން އަރްބާއިން ފަހުރުވެރިކަމާއި އެކު ފާހަގަ ކުރާކަމެކެވެ.
އަދި މިކަމަކީ ބެޑްމިންޓަނުން ޒުވާން ޖީލެއް ބިނާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން އަރުބާއިން ފާހަގަކޮށް އެ ފަރާތްތަކުން އެ ކުރާ މަސައްކަތަށް އަރްބާއިން ޝުކުރުވެރިވާކަން ވެސް އެ އެކަޑަމީ އިން ފާހަގަ ކުރެއެވެ.



