ރާއްޖެ އިސްތިހާރު ކުރުމަށް ޖަޕާނުގެ ނޫސްވެރިން ގެނެސްފިއެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ޖަޕާނުގެ ބައެއް ނޫސްވެރިން ރާއްޖެ ގެނެސްފައިވަނީ އެ ކޯޕަރޭޝަނުން ކުރިއަށްގެންދާ ފެމިލިއަރައިޒޭޝަން ދަތުރުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން އެ ނޫސްވެރިން ރާއްޖެ ގެނައުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެފައިވާ މިންވަރު ޖަޕާނުގެ މާކެޓުގައި ދައްކުވައި ދިނުމުގެ އިތުރުން ރާއްޖެއަށް ޖަޕާނުގެ ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމުގެ ގޮތުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ޖަޕާނުން އައި ނޫސްވެރިންގެ ތެރޭގައި ވޯގް ޖަޕާން އޮންލައިން، ސީއާރްއީއޭ ވެބް، ނިއުމެރޯ ޓޯކްޔޯޖޭޕީ އަދި، މައިނާވީގެ ނޫސްވެރިން ހިމެނޭ ކަމަށް އެމްއެމްޕީއާރުސީން މަޢުލޫމާތުދެއެވެ.
އެމްއެމްޕީއާރުސީން ބުނީ ނޫސްވެރިން ތިބޭނީ ކުރަމަތި ހުވަފެންފުށި، މޫވެންފިކް ރިޒޯޓް ކުރެދިވަރުގެ އިތުރުން ލަކްސް ސައުތު އަރީގައި ކަމަށެވެ.
އެމްއެމްޕީއާރުސީން ބުނީ ރާއްޖެ އިސްތިހާރުކުރަން އައުމަށް ދައުވަތު ދީފައިވާ ނޫސްވެރިންނަކީ މަޝްހޫރު، ޒުވާން އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ކޮލިޓީ ދައްކުވައިދޭވޭނެ ފަދަ ނޫސްވެރިން ކަމަށެވެ.



