ޅ. އަތޮޅު ގާއެރިފަރުގައި ބަނގުރާ ވަޅުލާފައި ހުރިކަމަށް ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މެއި 19 ވަނަ ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށުގައި ބަނގުރާ ވަޅުލާފައި ހުރި ކަމަށް ބުނާ ސަރަހައްދު ބަލައިފާސްކުރި އިރު 91 ދަޅު ބަނގުރާ އަދި 59 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މި މަހު 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހިންނަވަރުން ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެކެވެ. ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅޭކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ މީހުން ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 28 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.



