އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމަވައިފި އެވެ.
އީރާނުގެ ރައީސް އަވަހާރަވީ އެމަނިކުފާނު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގަ އެވެ.
ރައީސް އޮފީހުން ބުނީ އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.
އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމާއި ގުޅިގެން ރައީސް މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.
އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އީރާނުގެ ރައީސާއި ފޮރިން މިނިސްޓަރު އަވާހަރަވުމަކީ ލިބިވަޑައިގެންނެވި ބޮޑު ހިތާމައެއް ކަމަށެވެ. އަދި މި ހާދިސާގައި މަރުވި ފަރާތްތަކުގެ ފުރާނައަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ދަންނަވައި، މަރުވި ފަރާތްތަކުގެ އާއިލާއަށް ތައުޒިޔާ ދެންނެވި އެވެ.
ބޭރުގެ ނޫސް ރިޕޯޓުތަކުގައިވާ ގޮތުގައި އަޒަރުބައިޖާނަށް ކުރެއްވި ދަތުރުފުޅަކަށްފަހު އީރާނުގެ ރައީސް އެނބުރި ގައުމަށް ވަޑައިގެންނެވި މަގުމަތީގައި ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ އީރާނުގެ އިރުމަތީގައި އޮންނަ އަޒަރުބައިޖާން ޕްރޮވިންސުގެ ސަރަހައްދަކަށެވެ. އަދި ހެލިކޮޕްޓަރު ވެއްޓިފައި އޮތް ސަރަހައްދުން ސަލާމަތުން ހުރި އެއްވެސް މީހެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.



