ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި 19 ޕޮލިސް ޕޯސްޓު އަލަށް ހުޅުވާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ ދިވެހި ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމާއި ކޮންމެ ރަށެއްގައި ވެސް ފުލުހުން ޤާއިމުވެތިބެ ޚިދުމަތްދިނުމާއި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ރަށްރަށުގައި 19 ޕޮލިސް ޕޯސްޓު އަލަށް ހުޅުވާފައިވާކަމަށެވެ. އަދި އިތުރު 12 ޕޮލިސް ޕޯސްޓު މި އަހަރުގެ ތެރޭގައި ހުޅުވުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދިވެހި ފުލުހުންގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އައު ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމަށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލާއި މަޝްވަރާ ހޯދުމަށް މާލެއާއި އަތޮޅުތެރެ ހިމެނޭހެން 15 ފޯރަމް ބާއްވައި ދިރާސާތަކެއް ހަދާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމާ އެއްގޮތަށް އައު ޕްލޭން އެކުލަވާލައި އިފްތިތާހުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންގެ ޤާބިލުކަން ވަޒަންކުރުމަށްޓަކައި އެކުލަވައިލާފައިވާ ޕޮލިސިންގ ޕްރޮފެޝަނަލް ފްރޭމް ވޯކަށް މުވައްޒަފުން އަހުލުވެރިކުރުވުމުގެ މަސައްކަތް ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ފަށާފައިވާއިރު، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެގޮތުގެ ޕްލޭނާއި ތަހުޤީގު ދާއިރާ ހަރުދަނާކުރުމަށް ފްރޭމް ވޯކް އެކުލަވައިލުމުގެ މަސައްކަތް، ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުރަން ފަށާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތަކަކީ ހާމަކަމާއެކު ކުރެވެމުންދާ މަސައްކަތެއްގެ ގޮތުގައި ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރައްޔިތުންނަށް އަދާހަމަ މައުލޫމާތު ފޯރުކޮށްދިނުމަށް، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ތިންފަހަރެއްގެ މަތިން ނޫސްވެރިންނާ ބައްދަލުކޮށް މަޢުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ބަވަނަވަމުންދާ ދުނިޔެއާ އެއްހަމައެއްގައި ފައިތިލަ ސާބިތުކޮށް، ޒިންމާދާރު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުން ވެސް މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފާއިތުވި ހަ މަސް ދުވަހު އެކި ދާއިރާތަކުން ތަމްރީނުދީ މުވައްޒަފުން ބިނާކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު ރާއްޖެއާއި ރާއްޖޭން ބޭރުން ޖުމްލަ 142 ޕްރޮގްރާމެއްގައި 899 މުވައްޒަފުންނަށް ތަމްރީނު ދީފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި މި މުއްދަތުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޔުނިފޯމް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެވި މުވައްޒަފުންގެ މުސާރައާއި އެލަވަންސްތައް ބޮޑުކޮށްފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ދެވަނަ ދައުރު ވެސް މި މުއްދަތުގެ ތެރޭގައި އިފްތިތާހު ކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.



