ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން ޖިނާއީ ކުށްތަކުގައި ޝާމިލުވި 50 މީހަކު ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ރައްކާތެރި އަމާން މާހައުލެއް ޤާއިމުކުރުމާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މެދުނުކެނޑި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ޖިނާއީ ކުށްތަކުގައި ޝާމިލުވި 50 މީހަކު ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް 309 އޮޕަރޭޝަން ހިންގައި 35 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށެވެ. އަދި ވައްކަމުގެ އެކި މައްސަލަތަކުން ހަތަރު މިލިއަނެއްހައި ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް ފުލުހުން ބުންޏެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާ ގާތުން ފޯރުކޮށްދޭ ޚިދުމަތަކަށް ހެދުމަށް ދެމުންދާ އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ތެރެއިން 905 ހަރަކާތް މުޅި ރާއްޖޭގައި ހިންގާފައިވާއިރު ރައްޔިތުންނަށް ހާއްސަކޮށްގެން 525 ޕްރޮގްރާމް ހިންގާފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ކުށުން ރައްކާތެރިކުރުވުމަށް ރައްޔިތުންނަށް މަޢުލޫމާތު ދިނުމާއި ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިމެނޭކަމަށް ފުލުހުން ބުންޏެވެ.
ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި، 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ސެކިއުރިޓީ ބަލަހައްޓައި، ވޯޓުލުމަށް އަމާން މާޙައުލެއް ޤާއިމުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކާ އެކު ކާމިޔާބު މަސައްކަތްތަކެއް ވެސް ކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ ފުލުހުންގެ ޚިދުމަތުގެ މައިގަނޑު އެއް އަސާސްކަމުގައިވާ ޖިނާއީ ތަހުޤީގު ކުރުމަށް ބަލާއިރު ވެސް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި 6 މަސްތެރޭގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 554 މައްސަލައެއްގެ ތަހުޤީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި ކުރިން ތަހުޤީގު ކޮށްފައިވާ 42 މައްސަލައެއްގައި ކޯޓު މަރުހަލާގައި ހުކުމްތައް ކޮށްފައިވާކަމަށާއި، އަދި މި މުއްދަތުގައި އެކި މައްސަލަތަކުގައި 3691 މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.



