ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ގެއްލުނު މުދާ އުފުލާ ދޯންޏާއި ގުޅިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ ގެއްލިގެން ހޯދަމުންދިޔަ "AAA-37" ނަމަކަށް ކިޔާ ދޯންޏާއި ގުޅިފައިވާކަމަށާއި ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ އެ ސަރަޙައްދަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ.
"AAA-37" ދޯންޏަކީ މިދިޔަ ހުކުރު ދުވަހު ތިލަފުށިން ފުރައިގެން މ. އަތޮޅު މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެކެވެ. ހުކުރު ދުވަހު ހެނދުނު 6:00 ހާއިރު ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ރިޕޯޓުކޮށްފައިވަނީ އެ ދުވަހުގެ ހަވީރު 17:20 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އެ ދޯނިން ދަތުރު ކުރަމުން ދިޔައީ ބަންގްލަދޭޝް ތިން މީހުންނާއި ދިވެއްސެއް ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތުދެއެވެ. އަދި އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.



