އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވީ އޭނާ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި، ހިނގި ހާދިސާއެއްގަ އެވެ.
ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އީރާނުގެ ރައީސާއި ފޮރިން މިނިސްޓަރު އަވާހަރަވުމަކީ ލިބިވަޑައިގެންނެވި ބޮޑު ހިތާމައެއް ކަމަށެވެ. އަދި މި ހާދިސާގައި މަރުވި ފަރާތްތަކުގެ ފުރާނައަށް ހެޔޮ ރަހުމަތްލެއްވުން އެދި ދުއާ ދަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ އެ ޕޯސްޓްގައި ވަނީ މި ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާއަށް ތައުޒިޔާ ވެސް ދަންނަވާފަ އެވެ.
ބޭރުގެ ނޫސް ރިޕޯޓުތަކުގައިވާ ގޮތުގައި އަޒަރުބައިޖާނަށް ކުރެއްވި ދަތުރުފުޅަކަށްފަހު އީރާނުގެ ރައީސް އެނބުރި ގައުމަށް ވަޑައިގެންނެވި މަގުމަތީގައި ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ އީރާނުގެ އިރުމަތީގައި އޮންނަ އަޒަރުބައިޖާން ޕްރޮވިންސުގެ ސަރަހައްދަކަށެވެ. އަދި ހެލިކޮޕްޓަރު ވެއްޓިފައި އޮތް ސަރަހައްދުން ސަލާމަތުން ހުރި އެއްވެސް މީހެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.



