މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި 24 ގަޑިއިރު މަސައްކަތް ކުރަން ނިންމައިފިއެވެ.
މި މަޝްރޫޢަކީ މާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް ޑިފެންސް މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢާ ގުޅޭ ގޮތުން އާރުޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ވެސްޓްޕާކް ސަރަހައްދުގައި ކުރަމުން އަންނަ ކަމަށާއި މަސައްކަތް އަވަސް ކުރުމުގެ ގޮތުން 24 ގަޑިއިރު އެ ސަރަހައްދުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މަޝްރޫޢާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީން މިދިޔަ ހުކުރު ދުވަހު ބުނެފައިވަނީ މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭ ކަލެކްޝަން ޓޭންކުގެ ކޮންކްރީޓް މަސައްކަތް ނިމެން ކައިރިވެފައިވާކަމަށެވެ.
މީގެ އިތުރުން ފެންސް މިނިސްޓްރީން ބުނީ މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އަދި އާރުޓީއެލްއާއެކު މި މަޝްރޫޢާ ގުޅޭ ގޮތުން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެގޮތުން އެ ބައްދަލުވުމުގައި އެ ސަރަޙައްދުގެ ޓްރެފިކް ފްލޯ ފަދަ ކަންކަމަށް ދުވަހުން ދުވަހަށް ގެންނަންޖެހޭ ބަދަލުތަކާއި އެ މަޝްރޫޢުގެ ވަށައިގެން ހިނގާ، ރައްޔިތުންނާއި ގުޅުންހުރި ކަންކަމާ މެދު މަޝްވަރާ ކުރެވި ގޮތްތަކެއް ނިންމާފައިވާކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫޢަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް ފެށި މަޝްރޫޢެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މި މަޝްރޫޢު ފަށާފައިވަނީ ވެސްޓް ޕާކް ސަރަޙައްދުގައެވެ.



