މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގައި ގެއްލުން ލިބުނު ތަންތަނަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ އައްޑޫ ސިޓީ މަރަދޫ މޫންލައިޓް، އަދި ހިތަދޫ އިތާމުތްގޭގެ ފުރާޅު އެއްލާލުމުގެ އިތުރުން ހިތަދޫ ފުޓްސަލް ދަނޑުގެ ލައިޓް ޕޯސްޓް އަރިއަޅާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ވައިގަދަވުމުގެ ސަބަބުން ފުރާޅު އެއްލާލި ދެ ގޭގެ ފުރާޅު މިހާރު ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސިފައިންގެ އެހީތެރިކަމާއެކު ހައްލުކޮށްދީފައި ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ. އަދި ފުޓްސަލް ދަނޑުގެ ލައިޓް ޕޯސްޓް އަރިއަޅާލުމާ ގުޅިގެން ލައިޓް ޕޯސްޓް އެތަނުން ނެގުމަށްފަހު ކައުންސިލާ ވަނީ ހަވާލުކޮށްފައިވާކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތުދެއެވެ.
އެމްއެންޑީއެފް އިން ބުނީ މި މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފް އިން މަޢުލޫމާތުދެއެވެ.



