ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށްޓަކައި ކުރިއަށްގެންދާ އޮޕަރޭޝަން "ކުރަނގި"ގެ ތެރެއިން 705 ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ހޯދާފައިވާކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފިއެވެ.
ކުރަނގި އޮޕަރޭޝަން ފަށާފައިވަނީ މި މަހުގެ 2 ވަނަ ދުވަހު ކ. ހިންމަފުށީގައެވެ.
މި އޮޕަރޭޝަނާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މިހާތަނަށް 705 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ (10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަން ހެދޭވަރުގެ ފޮޓޯ) ނަގާފައިވާ ކަމަށެވެ.
ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވަނީ ކުރަނގި އޮޕަރޭޝަން ވަރަށް އަވަހަށް ރާއްޖޭގެ ފަސް ސަރަޙައްދެއްގައި އެއް ފަހަރާ ފެށިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ހިންމަފުށީގައި މި އޮޕަރޭޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމްލޭންޑް މިނިސްޓަރ އަލީ އިޙުސާން ވިދާޅުވެފައިވަނީ މި އޮޕަރޭޝަނުގެ މަޤުޞަދަކީ ރާއްޖޭގައި ތިބި ބިދޭސީން ހިފާ ހައްޔަރުކޮށް އަނބުރާ ޤައުމަށް ފޮނުވާލުން ނޫންކަމަށާއި، މި އޮޕަރޭޝަނުގެ ފުލް ސްކޭލް ފޯކަސްއަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެމީހުން ތިބީ ކޮންތާކުތޯއާއި އެމީހުން ކުރަމުން އަންނަ މަސައްކަތާއި އެމީހުންގެ އައިޑެންޓިޓީއަކީ ކޮބައިތޯ ކަށަވަރުކުރުން ކަމަށެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ޤައުމީ ސެކިއުރިޓީއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބަލަމުންދާ ކަމެއް ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޤަވާއިދު ހެދިފައި އޮންނަ ގޮތުން އެކަކުގެ ނަމުގައި ނުވަތަ އެއް ކުންފުންޏެއްގެ ނަމުގައި ރާއްޖެ އެތެރެކޮށްފައި ހުންނަ މީހަކު އެހެން ކުންފުންޏެއްގައި މަސައްކަތް ކުރަން ދިއުމަކީ އޭގެ ޒާތުގައި ޤަވާއިދާ ޚިލާފުވުން ކަމަށާއި އެ މައްސަލަ ރާއްޖޭގައި ވަރަށް އާންމުވެފައިވާކަމަށް އިޙުސާން ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށުގައި ތިބޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށްޓަކައި މިނިސްޓްރީގެ ޑޭޓާތަކުގެ އެކްސެސް ކައުންސިލްތަކަށް ދޭނެކަމަށްވެސް އިޙުސާން ވިދާޅުވިއެވެ. އިޙުސާން ވިދާޅުވީ އެހެން ހެދުމަށް ނިންމީ މިހާރު އޮތް ހާލަތުން ކައުންސިލްތަކަށް އެކަން ކުރަން އުނދަގޫވާނެތީ ކަމަށެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ހައްލުކުރާނެ ކަމަށްވެސް އިޙުސާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.



