އެމެރިކާގެ މޭޖަރ ލީގް ސޮކަރ (އެމްއެލްއެސް) ކަޕްގެ ޕްލޭއޮފް މެޗެއްގައި އެޓްލާންޓާ ޔުނައިޓެޑުން މެސީގެ އިންޓަރ މަޔާމީ ބަލިކޮށްފިއެވެ.
މަޔާމީގެ ޗޭސް ސްޓޭޑިއަމްގައި ކުޅުނު މިމެޗު އެޓްލާންޓާއިން ކާމިޔާބުކުރީ 3-2 ލަނޑުންނެވެ. އެއާއެކު މެސީގެ ޓީމު މުބާރާތާއި އަލްވަދާޢު ކިޔަން ވަނީ ޖެހިފައެވެ.
މި މެޗުގައި އެޓްލާންޓާގެ ޖަމާލް ތިއާރޭ ދެ ގޯލު ޖެހިއިރު، ބާޓޮޒް ސްލިޒް އެއް ގޯލު ޖެހިއެވެ. އިންޓަމަޔާމީ ކެޓިއިރު އެޓީމަށް މެސީ ވަނީ މިމެޗުގައި ގޯލެއް ޖަހައިދީފައެވެ.
މި ނަތީޖާއެކު އެޓްލާންޓާ ޔުނައިޓެޑް ވަނީ އީސްޓަން ކޮންފަރެންސްގެ ސެމީފައިނަލަށް ގޮސްފައެވެ. އެޓްލާންޓާ ޔުނައިޓެޑް ސެމީފައިނަލްގައި ކުޅޭނީ އޯލަންޑޯ ސިޓީއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ ނޮވެމްބަރު 23 ގެ ހަފްތާ ބަންދުގައެވެ.
މި މެޗާ ހަމައަށް މެސީ ވަނީ 20 ގޯލު ޖަހައި 17 ލަނޑު ޖަހައިދިނުމަށް އެހީތެރިވެދީފައެވެ. ލުއިސް ސުއާރެޒް ވަނީ 21 ގޯލު ޖަހާފައެވެ. ނަމަވެސް މި ދެ ކުޅުންތެރިންގެ މޮޅު ކުޅުމަކުންވެސް އިންޓަރ މަޔާމީ އެމްއެލްއެސް ކަޕުގައި ބޭނުންވި ހިސާބަކަށް ނުދިޔައެވެ.



