ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް 2024 ގެ ޕާޓްނަރުން އިއްޔެ އިއުލާނުކޮށްފިއެވެ.
މި ކޮންގްރެސްގެ ޕާޓްނަރުން އިއުލާނުކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނޫވިލު ސީޕްލޭން ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މި ކޮންގްރެސްގައި އެއަރޕޯޓައި ރޫޓް ޑިވެލޮޕްމަންޓް ދާއިރާގެ އިސް ފަރާތްތަކާއި އެއަރލައިން އާއި އެއަރލައިން ނެޓްވޯކިން ދާއިރާގެ ތަޖުރިބާކާރުންނާއި އޭވިއޭޝަން ސަޕްލަޔަރުންނާއި އޭވިއޭޝަން އާއި ޓޫރިޒަމްގެ މައި އިދާރާތަކުގެ މަންދޫބުން ހިމެނޭހެން ގާތްގަނޑަކަށް 300 މީހުން ބައިވެރިވާނެ ކަމަށް ލަފާކުރާ ކަމަށެވެ.
އަންނަ ޖުލައި މަހުގެ 9 އިން 11 އަށް ކުރުނބާ މޯލްޑިވްސްގައި ބާއްވާ މި ކޮންގްރެސްގައި އޭވިއޭޝަން ދާއިރާގެ މުސްތަޤްބަލާ ގުޅޭ ގޮތުން މަޝްވަރާކުރެވިގެން ދާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

[]ކޮންގްރެސްގެ ޕާޓްނަރުން އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވަނީ މި ކޮންގްރެސް އަކީ ނެޓްވޯކިން އާއި ވިޔަފާރީގެ ދާއިރާއިން އާ ފުރުސަތުތަކެއް ލިބޭނެ ކޮންގްރެސްއަކަށް ވާނެކަމަށް ވިދާޅުވެ، ހުރިހާ ސްޓޭކްހޯލްޑަރުންވެސް މި ފުރުޞަތުގެ ބޭނުން ހިފުމަށް ދައުވަތު އަރުވާފައެވެ.
އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް 2024ގެ ޕާޓްނަރުންނަކީ:
- ރިސޯޓް ޕާޓްނަރުން: ޝެރަޓަން، މަލަހިނި
- ވެނިއު ޕާޓްނަރު: ކުރުނބާ މޯލްޑީވްސް
- ޑިޖިޓަލް ޕާޓްނަރު: ދިރާގު
- ސީޕްލޭން ޕާޓްނަރު: ޓީއެމްއޭ
- އެއާލައިން ޕާޓްނަރު: އެމިރޭޓްސް
- އޭވިއޭޝަން ޕާޓްނަރު: މޯލްޑިވިއަން
- މީޑިއާ ޕާޓްނަރުން: އައިލެންޑް ޗީފް، އޯކާ މީޑިއާ، ހޮޓެލިއާ މޯލްޑިވްސް، ދިި އެރައިވަލް، ޓްރެވެލުސަން މީޑިއާ
އެންޑޯޒްމަންޓް ޕާޓްނަރުންނަކީ:
- ޓޫރިޒަމް މިނިސްޓްރީ
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
- މަޓީ
- މަޓާޓޯ



