އާސަހަރާގެ ފިނިޝިންގ މަސައްކަތް ކުރުމަށް މާލެ ސިޓީ ކައުންސިލުން 2.7 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
މަސައްކަތުގެ އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރެވެ. އަދި ކޮންޓްރެކްޓަރގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ މުޙައްމަދު އައިމަން އެވެ.
ހައިމަން ކޮންސްޓްރަކްޝަނާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ދެ މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މަރާމާތުކުރުމަށްޓަކައި އާސަހަރާ ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެއާއެކު މައްޔިތުން ހިނަވާ ވަޅުލުމުގެ ކަންކަން ވަނީ ހުޅުމާލެ ސަހަރާއަށް ބަދަލުކޮށްފައެވެ.
އާސަހަރާ ތަރައްޤީކުރުމަށް 4.9 މިލިއަން ރުފިޔާއަށް އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ ޕީއެންފީ މޯލްޑިވްސް ކިޔާ ކުންފުންޏަކަށެވެ. ނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އެ އެއްބަސްވުން ބާތިލުކުރުމަށްފަހު ބީސިކްސް އިންވެސްޓްމެންޓް ކިޔާ ކުންފުންޏަކަށް ވަނީ ހަވާލުކޮށްފައެވެ. އެ ކުންފުންޏަށް މަސައްކަތް ހަވާލުކޮށްފައިވަނީ 4.6 މިލިއަން ރުފިޔާ އަށެވެ.
އާސަހަރާ ތަރައްޤީކުރުމަށް ނިންމާފައިވަނީ އަންހެނުންނާއި ފިރިހެނުން ނަމާދުކުރުމަށް ކަނޑައަޅާފައިވާ ޖާގަ އިތުރުކުރުމާއި، އަންހެނުންނަށް ޚާއްސަ ވުޟޫ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، މަޑު ކޮށްލައިގެން ތިބެވޭނެ ވެއިޓިންގ އޭރިއާއަކާ އެކުއެވެ.



