ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ގެއްލުނު މުދާ އުފުލާ ދޯނި އަދިވެސް ނުފެންނަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދަމުންދާ "AAA-37" ނަމަކަށް ކިޔާ ދޯންޏަކީ މިދިޔަ ހުކުރު ދުވަހު ތިލަފުށިން ފުރައިގެން މ. އަތޮޅު މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް ކަމަށެވެ. އެގޮތުން ހެނދުނު 6:00 ހާއިރު ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ރިޕޯޓުކޮށްފައިވަނީ އެ ދުވަހުގެ ހަވީރު 17:20 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އެ ދޯނިން ދަތުރު ކުރަމުން ދިޔައީ ބަންގްލަދޭޝް ތިން މީހުންނާއި ދިވެއްސެއް ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތުދެއެވެ.
އެމްއެންޑީއެފް އިން ބުނީ އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އިއްޔެގެ ނިޔަލަށް ކަނޑާއި ވައިގެ މަގުން މ. ރަތްމަންދޫގެ އިރުމަތީ ބިތުން ބޮޑު ސަރަޙައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެގޮތުން ކަނޑާއި ވައިގެ މަގުން 4519 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ދޯނި ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ އިރު އެމްއެންޑީއެފް އިން ވަނީ އެ ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައި މަޢުލޫމާތު ޙިއްސާކުރުމަށް އެދިފައެވެ.



