ރާއްޖޭގެ އުތުރާއި ދެކުނުގައި އަރބަން ސެންޓަރުތައް ތަރައްޤީކުރުމުގެ ޕްލޭނާއި ބެހޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ މާކުރިއްސުރެ ވަރަށް ތަފްޞީލުކޮށް އެކި ޖަލްސާތަކުގައި އެވާހަކަތައް ވިދާޅުވެފައެވެ. އެގޮތުން މައި ހަބަކީ ކުޅުދުއްފުށި ސިޓީއާއި އައްޑޫ ސިޓީ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، އިދިކޮޅުން ދަނީ ނުބައި މަޢުލޫމާތުތައް ރައްޔިތުންނަށް ދެމުންނެވެ. އެކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްދު ދެއްވައިފިއެވެ. މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިފަދަ ވާހަކަތައް ދައްކަނީ ސިޔާސީ މަންފާއެއް ހޯދުމަށެވެ.
ކޮންމެޔަކަސް، އިދިކޮޅުން އެހެން އެބުނަނީ ސަބަބުތަކެއް ހުރީމައެވެ. އެއްގޮތަކީ ބޭނުންކުރާ ކެއުމަކުން ނުވަތަ ޖޫހަކުން ނުވަތަ އެހެންވެސް ބޭހެއްގެ ސަބަބުން ވިޔަސް އެވެރިން ހަނދާން ނެތުމެވެ. ނުވަތަ ވަޢުދުތައް ލިޔުއްވާފައިވާ ފޮތަށް ބަލައިނުލުމެވެ. އެންމެ ފަހަރަކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދު ފޮތް ކިޔުއްވިނަމަ ގައިމު އިދިކޮޅުން ތިޔަ ހައްދަވާ ދޮގުތަކުން ނުބައި ކަންތަކުގެ ފަތަށް ބަރެއް ނުވީހެވެ.
ރައީސް މުޢިއްޒުގެ "ދިވެހީންގެރާއްޖެ" މެނިފެސްޓޯގައި ދެމެހެއްޓެނިވި ސަރަޙައްދީ ތަރައްޤީގެ ސިޔާސަތުތައް ސާފުކޮށް ބަޔާންކޮށްފައި ވެއެވެ. މާލެ އަރބަން ރީޖަންގެ އިތުރުން އެންމެ މަތީ ފަންތީގެ ޚިދުމަތްތައް ހިމެނޭހެން އުތުރުގެ 3 އަތޮޅާއި ދެކުނުގެ 4 އަތޮޅު ހިމެނޭ ގޮތަށް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންތައް ތަރައްޤީކުރުމަށް މެނިފެސްޓޯގައި ވާނެއެވެ. މިކަން އޮޅިފައިވާ މީހަކު ހުރިނަމަ އަލުން އެ ފޮތް ބަލައިލުން ވަރަށް ބުއްދިވެރިއެވެ. އޭރުން ހަމަ ގައިމުވެސް ދޮގު ވާހަކަތައް ދައްކައިގެން ތިޔަ ބަރުކުރާ ފަތަށް ކޮންމެވެސް ވަރަކަށް ލުޔެއް ލިބިދާނެއެވެ.

އުތުރުގެ ތަރައްޤީގެ ޒޯނުގެ އިދާރީ މައި ހަބުގެ ގޮތުގައި ހދ. ކުޅުދުއްފުށި ސިޓީ ކަނޑައަޅާފައިވާއިރު، ދެކުނު ޒޯނުގެ އިދާރީ މައި ހަބުގެ ގޮތުގައާއި ބައިނަލްއަޤްވާމީ ދޮރާށްޓެއްގެ ގޮތުގައި އައްޑޫ ސިޓީ ކަނޑައަޅާފައިވާއިރު، މާލެއިން އުތުރުގެ ތިން ސަރަޙައްދަކާއި، މާލެއިން ދެކުނުގެ 4 ސަރަޙައްދެއް ހިމެނޭހެން 7 އަރބަން ސެންޓަރު ތަރައްޤީކުރުމަށް ހަމަޖެހިފައި ވާނެއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މިއީ ކުރިއަށް އޮތް 20 އަހަރު ދުވަހަށް އެކަށައަޅަން މަސައްކަތް ފަށާފައިވާ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭންގެ ބައެއްކަމަށެވެ. އަދި މި ޕްލޭން އެކުލަވާލުމުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ޚިޔާލާއި ފަންނީ ފަރާތްތަކާއި ކައުންސިލްތަކާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހޯދާނެކަމަށް ވިދާޅުވިއެވެ.
ވީމާ، ރައީސް ޑރ. މުޢިއްޒު ވިދާޅުވި ފަދައިން، ކަންކަމުގެ ޙަޤީޤަތް ނުބައްލަވާ، ނުވަތަ ޙަޤީޤަތް އެނގިވަޑައިގެން ތިއްބަވައިގެން، ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ކުރައްވާ ކަންކަމަށް ޒިންމާވާނީ އެކަންކަން ކުރައްވާ ބޭފުޅުންނެވެ.

ލޮބުވެތި ރައްޔިތުންނޭވެ! މުސްލިމު އަޚުންނޭވެ! ރައީސް މުޢިއްޒުގެ މި ޕްލޭންގެ ދަށުން، އުތުރުގެ ތަރައްޤީގެ ޒޯނުގައި ހދ. ހަނިމާދޫ ބައިނަލްއަޤްވާމީ ދޮރާޓެއްގެ ގޮތުގައި ތަރައްޤީކުރުމާއި، ހއ. އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ޓްރާންސް ޝިޕްމަންޓް ބަނދަރެއް ޤާއިމްކުރުން ހިމެނެއެވެ. ދެކުނުގެ ޒޯނުގައި ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމަންޓް ބަނދަރަކާއި، ސިނާޢީ މަސައްކަތްތަކާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، މެރިކަލްޗަރ އަދި ފަތުރުވެރިކަމުގެ ވަޞީލަތްތައް ފުޅާކޮށް ތަރައްޤީކުރުން ހިމެނެއެވެ.
މިހުރިހައި ޙަޤީޤަތެއް ލިޔެކިޔުން ފެންނަން އޮތް އިރުގައި، އައްޑޫސިޓީ ޕްލޭނުން ގެއްލުވައިލައިފިއޭ ބުނީމާ އޭގެއިން އެނގެނީ އިދިކޮޅުގައި ތިބީ ތަނެއް ދޮރެއް ނުބަލައި ވާހަކަދައްކާ ފޮތް ނުކިޔަވާ މީހުން ނޫން ދެން ކޮން އެއްޗެއް ތޯއެވެ؟ އެންމެ ފަހަރަކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދު ފޮތް ކިޔުއްވިނަމަ ގައިމު އިދިކޮޅުން ތިޔަ ހައްދަވާ ދޮގުތަކުން ނުބައި ކަންތަކުގެ ފަތަށް ބަރެއް ނުވީހެވެ.



