ތ. ކަނޑޫދޫގައި ފާރެއް ވެއްޓި ސީރިއަސް އަނިޔާތައް ލިބުނު އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖާ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗް އިން ހާމަކޮށްފިއެވެ.އެ ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް އެއާ އެމްބިއުލާންސްގެ ސީޕްލޭންގައި އިއްޔެ ވަނީ މާލެ ގެނެސްފައެވެ. އެ ކުއްޖާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައެވެ.އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. އަދި މިހާރު އެ ކުއްޖާ އޮތީ އީއެންޓީ ވޯޑްގައި އޮބްޒަވޭޝަންގައި ކަމަށް ވިދާޅުވިއެވެ."އެ ކުއްޖާގެ ހާލު ސްޓޭބަލް. އެކަމަކު ދެ ތަނެއްގައި ވަނީ ރެނދުލާފައި." އޮފިޝަލު ވިދާޅުވިއެވެ.އެ ރަށުން "ވަގުތު" އަށް ކިޔައި ދިން މީހަކު ބުނެފައިވާ ގޮތުގައި އެ ހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހު އިރުއޮއްސެން އުޅެނިކޮށެވެ. އެ ކުއްޖާގެ ގައި މައްޗަށް ފާރު ވެއްޓުމުން ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް އޭނާ ކިޔައި ދިނެވެ."އެކުއްޖާ ހިނގާފައި ދަނިކޮށް ފާރު ވެއްޓުނީ އެ ކުއްޖާގެ ގައިމައްޗަށް. ކުއްޖާއަށް ވަރަށް ސީރިޔަސް އަނިޔާތަކެއް ވަނީ ލިބިފައި. ކުއްޖާގެ މޫނު ނޫނިއްޔާ މުޅި ހަށިގަނޑު އޮތީ ފާރުގެ ދަށުގައި. އެ ފާރަކީ މައި މަގަކަށް ހުންނަ ވަރަށް ދުވަސްވީ އަރި އަޅާފައި ހުރި ފާރެއް.". އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.މިފަދަ ދުވަސްވީ ގިނަ ފާރުތައް ރަށުގައި ހުންނާތީ އެރަށު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުން ކައުންސިލާ ހިއްސާކޮށްފައިވާނެ ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ވަނީ ބުނެފައެވެ.ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލާއި ހިއްސާ ކުރެވުނު ނަމަވެސް މިއަދާ ހަމަޔަށް އައިއިރުވެސް އެދެވޭ ހައްލެއް ލިބިފައި ނުވާކަމަށް އެމީހާ ވަނީ ބުނެފައެވެ.


