ދިވެހި ސަރުކާރުން ރަސްމީކޮށް އެދިއްޖެ ނަމަ، އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު ދުއްވަން ދިވެހި ޕައިލެޓުން ތަމްރީނު ކުރަން ތައްޔާރަށް އޮތް ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖައިސްވާލް ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމުދު ގާއިމުކޮށްފައިވާ ދިފާއީ އެއްބަސްވުމުގެ މުހިންމު ބައިތަކުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުން ހިމެނޭ ކަމަށެވެ.
"މީގެ ކުރިން ވެސް ވާނީ އަސްކަރީ މީހުން ތަމްރީން ކޮށްދީފައި. އެފަދަ ހުށަހެޅުމެއް އައިސްފި ނަމަ، އެކަން ކޮށްދޭނަން. އަހަރަމެން މި ތިބީ އުފަލާއެކީ އެކަން ކުރަން ތައްޔާރަށް،" ޖައިސްވާލް ވިދާޅުވިއެވެ.
ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު ދުއްވުމަށް ރާއްޖޭގައި ތިބި އިންޑިއާގެ 76 ސިފައިން ފޮނުވާލައި އެމީހުންގެ ބަދަލުގައި މިހާރު ވަނީ މަދަނީ މީހުން ގެނެސްފައެވެ. މަދަނީ މީހުން ރާއްޖޭގައި ތިބުމަށް ދެ ގައުމުން އެއްބަސްވެފައިވަނީ ދެ އަހަރުގެ މުއްދަތަށެވެ. އޭގެ ތެރެއިން ބައެއް މީހުން އެއް އަހަރު ފަހުން ވެސް ފައިބާނެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވެސް އެމްއެންޑީއެފްގެ ޕައިލެޓުން ތަމްރީން ކުރުމުގެ މަސައްކަތް އިންޑިއާގައި ކުރިއަށް ދިޔައެވެ.
އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ވެރިކަމުގެ ފުރަތަމަ ދުވަސްވަރު ރައީސް ވަނީ އެ ވައުދު ފުއްދަވައިފައެވެ. ސިފައިން ފޮނުވާލުމުގެ މަސައްކަތް މި ސަރުކާރުން ކުރީ ޑިޕްލޮމެޓިކް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޝްވަރާ ކޮށްގެންނެވެ. މިއީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި މިހާތަނަށް އައިއިރު ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ.



