ޔުއެފާ ކޮންފަރެންސް ލީގުގައި ޗެލްސީއިން އަރްމީނިއާގެ އެފްސީ ނޯއާ ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައި މި ލީގުގެ ތާރީޚީ ރެކޯޑެއް ޤާއިމްކޮށްފިއެވެ.
8-0 އިން މޮޅުވެ ޗެލްސީގެ ފެންވަރު ދައްކާލި ރޭގެ މެޗަކީ މި މުބާރާތުގެ ތާރީޚުގައި އެންމެ ތަފާތު ބޮޑު ނަތީޖާ ފެނުނު މެޗެވެ.
މިއީ 1971 ވަނަ އަހަރުގެ ކަޕްވިނާސް ކަޕްގައި 13 ލަނޑު ޖެހިފަހުން އެޓީމު ތާރީޚުގައި އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހި ފަހަރެވެ.
ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗަށް ކޯޗު އެންޒޯ މަރެސްކާ ވަނީ މުޅިން އައު ޓީމެއް ނެރެފައެވެ. މިއީ އޭނާ މި ސީޒަނުގައި ބޮޑު ސްކޮޑުގެ ބޭނުން ހިފަމުންދާ ގޮތުގެ ހެއްކެއް ކަމަށް ބެލެވެއެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ، މި މެޗުގައި ޗެލްސީގެ ހަ ކުޅުންތެރިން ލަނޑު ޖަހާފައިވާއިރު، އެއްވެސް ކުޅުންތެރިއަކަށް ހެޓްރިކް ނެހެދުނު ކަމެވެ. އެގޮތުން، ޓޮސިން އަޑަރަބިއޯޔޯ، މާކް ގިއޫ، އެކްސެލް ޑިސާސީ، ޖޮއާއޯ ފީލިކްސް، މިޚައިލޯ މުޑްރީކް އަދި ކްރިސްޓޮފާ އެންކުންކޫ ވަނީ ލަނޑު ޖަހާފައެވެ.
އަނެއްކޮޅުންބަލާއިރު، މި މެޗުގައި ޗެލްސީން ޖެހި އަށް ލަނޑާއެކު އެ ޓީމަށް ވަނީ މި މުބާރާތުގެ ތާރީޚުގައި އެންމެ ތަފާތު ބޮޑު ނަތީޖާއިން މެޗެއް ކާމިޔާބުކުރުމުގެ ޝަރަފު ލިބިފައެވެ. މީގެ އިތުރުން މި މުބާރާތުގެ ތާރީޚުގައިވެސް ފުރަތަމަ ތިން މެޗުން 16 ލަނޑު މިހާތަނަށް އެއްވެސް ޓީމަކަށް ޖެހިފައި ނުވާކަން ފާހަގަކުރެވެއެވެ.
މި މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ޗެލްސީ މޮޅުވެ ނުވަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތް އިރު ޗެލްސީގެ ފޯމު މި ވަގުތު ވަރަށް ރަނގަޅުކަންވެސް ފާހަގަކޮށްލެވެއެވެ.
ޗެލްސީއަށް ދެން އެންމެ އަވަހަށް އޮތީ އާދީއްތަ ދުވަހު ގަނާސްއާއި ދެކޮޅަށް ކުޅޭ ޕްރިމިއަރ ލީގުގެ މެޗެވެ. މި ދެޓީމުވެސް އޮތީ ޕޮއިންޓުގެ ގޮތުން ހަމަހަމައިގައެވެ. އެއީ 10 މެޗުން 18 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ގޮތުން ޗެލްސީ 4 ވަނައިގައި އޮތްއިރު އާސެނަލް އޮތީ ފަސްވަނައިގައެވެ.



