ދަރިފުޅަށް ޚަރަދު ނުދައްކާ ބައްޕައެއްގެ މައްޗަށް އަދަބު ކަނޑައަޅައި، އޭނާ އެއް މަސް ދުވަހަށް ޖަލަށް ލުމަށް ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
މި ހުކުމް އިއްވެވީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އާއިޝަތު ޝިހާބެވެ.
ކޯޓުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، މި ބައްޕަ ދަރިފުޅަށް ޚަރަދުގެ ގޮތުގައި ނުދައްކާ ހުރި ފައިސާގެ ޢަދަދަކީ 153,504 ރުފިޔާއެވެ. އެއް އަހަރުގެ ކުއްޖަކަށް ޚަރަދު ނުދީ އޮތް މި މައްސަލައިގައި، ކުއްޖާގެ މަންމަ ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ބައްޕަ ޖަލަށް ލައިގެން ނަމަވެސް ނުދައްކާ ހުރި ފައިސާ އެއްފަހަރާ ހޯދުމަށެވެ.
ހުކުމުގައި، ބައްޕަގެ ބޭންކް އެކައުންޓް ފްރީޒްކުރުމަށާއި، ރާއްޖެއިން ބޭރަށް ނުދެވޭ ގޮތަށް ޕާސްޕޯޓު ހިފެހެއްޓުމަށް ވެސް އަމުރުކޮށްފައިވެއެވެ. އަދި އޭނާގެ އެކައުންޓުގައި ހުރި 950 ރުފިޔާ ދަރިފުޅުގެ މަންމައާ ޙަވާލުކުރުމަށް ވެސް އަންގާފައިވެއެވެ.
ކޯޓުން ކަނޑައަޅާފައިވާ ގޮތުގައި، މި ބައްޕައަށް ތިން މަސް ދުވަހުގެ ތެރޭގައި ހުރިހާ ފައިސާއެއް ދެއްކުމަށް ފުރުސަތު ދީފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާސްކޮށްފިނަމަ، އޭނާގެ މައްޗަށް އެޅުނު ފިޔަވަޅުތައް ބާޠިލުކުރެވޭނެއެވެ.



