ބ. އަތޮޅުން ފެށިގެން ދެކުނަށް ނެރުނު ރީނދޫ ސަމާލު 4 ވަނަ ފަހަރަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިތުރުކޮށްފިއެވެ.
މީގެ ކުރިން ރީނދޫ ސަމާލު ނެރުނީ އައްޑޫ ސިޓީއާ ހަމައަށެވެ. މިހާރު މެޓް އިން ވަނީ އައްޑޫ އާއި ފުވައްމުލައް ސިޓީއަށް އޮރެންޖް އިންޒާރު ނެރެފައެވެ.
މިއަދު ހަވީރު 17:30 އިން 22:30 އަށް ނެރެފައިވާ އެ ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 25 މާލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. މިއީ އާންމުކޮށް ވައި ޖެހޭ ވަރަށް ވުރެ ބާރު މިންވަރެކެވެ. އެ ސަމާލުގައި ބުނެފައި ވަނީ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ވަނީ ވިއްސާރައިގެ ސަބަބުން ގެދޮރަށް ލިބިދާނެ ގެއްލުމަކަށް ދުރާލާ ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، އެ އޮތޯރިޓީން އަޅަން އެދިފައިވާ ފިޔަވަޅުތަކަކީ:
- ވާރޭވެހި ފެންބޮޑުވެދާނެތީ އެކަމަށް ދުރާލައި ތައްޔާރުވުން
- ގެއަށް ފެން ނުވަންނާނެހެން ގޭގެ ދޮރުމަތީގައި ވެލި ބަސްތާ ފަދަ ތަކެތި ޖެހުން
- ގޭތެރޭގައި ފެން ބޮޑުވެއްޖެ ނަމަ މުދަލަށް ގެއްލުން ނުވާނެހެން ފެން ނުޖެހޭ އުސް ތަންތަނަށް ބަދަލުކުރުން
- ފުރާޅު އެއްލާނުލާނެ ފަދަ ގޮތަކަށް ވާ ބޭނުންކޮށްގެން އެއްސުން
- ގަދަ ވައިގެ ސަބަބުން އެއްލާލަފާނެ ފަދަ ތަކެތި ބަނދެފައި ބެހެއްޓުން
- ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލުން
- ކަނޑުދަތުރުކުރާއިރު މޫސުމަށް ސަމާލުކަން ދިނުމާއެކު މުވާސަލާތީ ނިޒާމްގެ ފުރިހަަމަކަން ޔަޤީންކުރުން
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ދަނީ ވިއްސާރަ ކުރަމުންނެވެ.



