މަދަނީ އަދުލުގެ ނިޒާމް ހުއްޓިފައިވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މަދަނީ އިޖުރާޢަތުގެ ޤާނޫނަށް އިޞްލާޙް ގެނައުމުގެ މަސައްކަތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަށައިފިއެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، 2021 ވަނަ އަހަރުގެ ޑިސެންބަރު 16 ވަނަ ދުވަހު ތަޞްދީޤުކުރެވުނު މަދަނީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ރާއްޖޭގެ ކޯޓުތަކުގައި މަދަނީ މައްސަލަތައް ތޮއްޖެހި، މައްސަލަތައް ލަސްވެ އަދި މައްސަލަތަކުގެ ޙުކުމްތައް ތަންފީޛު ނުވާކަމަށެވެ. އަދި މުޅި ނިޒާމަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.
މި ޤާނޫނުގެ ސަބަބުން ބޭންކުތަކާއި ވިޔަފާރި އިންސްޓިޓިއުޝަންތައް އަދި ޢާއްމު ރައްޔިތުންގެ ވިޔަފާރިތައް ހުއްޓި، މަދަނީ ޢަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދެން އޮތީ މިހިނދުން މިހިނދަށް ޤާނޫނަށް އިޞްލާޙުތަކެއް ގެނެވިގެންކަމަށް ޖޭއެސްސީން ދެކޭ ކަމަށް ބަޔާނުގައި ފާހަގަކުރިއެވެ.
ޖޭއެސްސީގެ 57 ވަނަ ޖަލްސާގައި ނިންމާފައިވާ ގޮތުގެ މަތިން، ޤާނޫނުއަސާސީ އާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް، މަދަނީ އިޖުރާޢަތުގެ ޤާނޫނަށް ގެންނަން ފެންނަ އިޞްލާޙުތައް ބަންޑާރަނައިބުގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ޖޭއެސްސީން މަޢުލޫމާތު ދީފައިވެއެވެ. ނަމަވެސް، މި އިޞްލާޙުތަކުގެ ތަފްޞީލު ޖޭއެސްސީން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި ޤާނޫނުގެ ސަބަބުން މަދަނީ މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ވަރަށް އިޖުރާޢަތުތައް އިތުރުކޮށް، އަދި ޙުކުމް ތަންފީޛު ކުރުމުގެ މަރުޙަލާތައް އުނދަގޫވެފައިވާ ކަމަށް ބުނެ، ޤާނޫނަށް ޢަމަލުކުރަން ފެށި ހިސާބުން ފެށިގެން ކަންބޮޑުވުން ފާޅުކުރަމުން އައިސްފައިވާކަމަށް ޤާނޫނީ ދާއިރާގެ ފަރާތްތަކުން ފާހަގަކުރެއެވެ.
މި ޤާނޫނަކީ އެމްޑީޕީގެ ސަރުކާރުން ހުށަހަޅައިގެން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނެކެވެ. މިހާރު ޖޭއެސްސީން ކުރަމުންދާ މަސައްކަތުގެ ސަބަބުން މަދަނީ އަދުލުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަވަސް ޙައްލެއް ލިބޭނެކަމަށް އެ އިދާރާއިން ބުންޏެވެ.



