ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ އެމްސްޓަޑަމްގައި އަޔަކްސް އާއި މަކާބީ ޓެލް އަވީވް ބައްދަލުކުރި މެޗަށްފަހު ވަރުގަދަ ހަމަނުޖެހުންތަކެއް ހިނގައިފިއެވެ.
ޖޯހަން ކްރޫފް އެރީނާގައި ކުޅުނު މެޗުގައި އަޔަކްސް އިން 5-0 އިން މޮޅުވެފައިވާއިރު، މެޗު ނިމުމާއެކު ދަނޑުގެ ބޭރުގައި ހަމަނުޖެހުންތައް ފެށުނީ އިސްރާއީލުގެ ސިފައިންގެ ތެރެއިން މީހަކު ފަލަސްތީނު ދިދައެއް ވީދާލުމުމާއި ގުޅިގެން ފަލަސްތީނަށް ތާއީދުކުރާ ބަޔަކު އެ ސިފައިންގެ މައްޗަށް އަރައި ހަމަލާދިން ހިސާބުންނެވެ.. ޚަބަރުތައް ބުނާ ގޮތުގައި އިސްރާއީލުގެ މީހުންގެ ގަޔަށް ވަޅިވެސް ހެރިއެވެ. އަދި ތަޅައި އަނިޔާކޮށް ގިނަބަޔަކު ޒަޚަމްކުރިއެވެ. ހަމަލާތަކުން ދިފާޢުވުމަށް ގޮތް ހުސްވެފައިވާ އިސްރާއީލް ސިފައިންނާއި ބައެއް ސަޕޯޓަރުން ކޯރުތެރެއަށް ފުންމާލި ކަމަށާއި ފަހުން، އެމްސްޓަޑަމްގެ 800 ފުލުހުން ނުކުމެ އިސްރާއީލް ސަޕޯޓަރުން ރައްކާތެރިކުރީ ކަމަށް ޚަބަތުތައް ބުނެއެވެ.

ރޭ ހިނގި ތަޅާފޮޅުންތަކުގެ ތެރެއިން
މި ހާދިސާއާ ގުޅިގެން ޑަޗް ފުލުހުން ވަނީ 30 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ތުރުކީ އާއި އީރާނުގެ ނަސްލުގެ މީހުން ހިމެނެއެވެ.
ރޭ އިސްރާއީލް ޔަހޫދީން ތިބި އެމްސްޓަޑަމްގެ ހޮޓަލުގެ ރޫމްތަކަށް ވެސް ޣައްޒާއަށް ތާއީދުކުރާ މީހުން ހަމަލާދިނެވެ. އަދި ‘މިއީ ވެސް ޣައްޒާ’ ކަމަށާއި ‘މިތަނުގައި ކަލޭމެންނަށް އުފަލެއް ނެތް” ކަމަށްބުނެ އިންޒާރުދީ ހެދިއެވެ.
މި ހަމަނުޖެހުންތަކާއި ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، އިސްރާއީލާއި ނެދަލޭންޑްސްގެ އޮފިޝަލުން ވަނީ މި އަނިޔާވެރި ޢަމަލުތައް ކުށްވެރިކޮށްފައެވެ. އަދި އެމްސްޓަޑަމްގައި ތިބި އިސްރާއީލުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޑަޗް އޮތޯރިޓީތަކަށް ގޮވާލާފައިވެއެވެ.
މި ހާދިސާއަކީ އެމްސްޓަޑަމްގައި ފާއިތުވި އަހަރުތަކުގައި ހިނގި އެންމެ ނުރައްކާތެރި އެންޓިސެމިޓިކް ހާދިސާތަކުގެ ތެރެއިން އެއް ހާދިސާ ކަމަށް އޮފިޝަލުން ސިފަކުރާއިރު، މި ހަމަނުޖެހުންތަކަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރު ޔޫރަޕަށް ފޯރަމުންދާކަމުގެ ހެއްކެކެވެ.



