ބޯކޮށް ވާރޭ ވެހުމާއެކު ކަނޑުވެސް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ނެރުނު ހުދު ސަމާލު ދިގު ދަންމާލައިފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން މިރޭ 12:00 އާ ހަމައަށް ނެރުނު ހުދު ސަމާލު މާދަމާ ހެނދުނު 6:00 އާ ހަމައަށް ދަންމާލިއިރު އެ ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލައަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަަށް އެ ސަމާލުގައި ވަނީ ބުނެފައެވެ.
މިރޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މެޓް އޮފީހުން ވިދާޅުވިގޮތުގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40-45 މޭލަށް ވައިގަދަވުން އެކަށިގެންވާ ކަމަށް ވިދާޅުވެފައި ވެއެވެ.
ރާއްޖެއަަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ފެންބޮޑުވެ ގެއްލުންތައް ދަނީ ލިބެމުންނެވެ.



