މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭ ކަލެކްޝަން ޓޭންކުގެ ކޮންކްރީޓް މަސައްކަތް ނިމެން ކައިރިވެފައިވާކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް އެ މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގުޅިގެން ފަށާފައިވާ މަޝްރޫޢުގެ އަދާހަމަ ހާމަކޮށްފައެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އަދި އާރުޓީއެލްއާއެކު މި މަޝްރޫޢާ ގުޅޭ ގޮތުން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެގޮތުން އެ ބައްދަލުވުމުގައި އެ ސަރަޙައްދުގެ ޓްރެފިކް ފްލޯ ފަދަ ކަންކަމަށް ދުވަހުން ދުވަހަށް ގެންނަންޖެހޭ ބަދަލުތަކާއި އެ މަޝްރޫޢުގެ ވަށައިގެން ހިނގާ، ރައްޔިތުންނާއި ގުޅުންހުރި ކަންކަމާ މެދު މަޝްވަރާ ކުރެވި ގޮތްތަކެއް ނިންމާފައިވާކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫޢަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް ފެށި މަޝްރޫޢެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މި މަޝްރޫޢު ފަށާފައިވަނީ ވެސްޓް ޕާކް ސަރަޙައްދުގައެވެ.



