ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހޯރަފުށީ ކައުންސިލުން ހިންގަމުންދާ ކަންތައްތައް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުށްވެރި ކޮށްފިއެވެ.
އެމްޑީޕީގެ މެޖޯރިޓީ ކައުންސިލުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓަށް އެންޓި ކެމްޕެއިން ކުރުމުގެ އިތުރުން، ހޯރަފުށީގައި ހުރި ކައުންސިލްގެ ހުރިހާ ވަސީލަތްތައް ދަނީ ބޭނުންކުރަމުންނެވެ. އެގޮތުން ކައުންސިލްގެ މުވައްޒަފުން ކެމްޕެއިންގައި ބޭނުންކުރުމާއި، ތަނުގައި ހުރި ވެހިކަލްތަކާއި، ޕްރިންޓަރ، ކަރުދާހާއި އެހެނިހެން ވަސީލަތްތައް ވެސް ބޭނުންކުރާކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ހޯރަފުށީ ކައުންސިލްގެ މިވަގުތުގެ އަމާޒަކަށްވެފައި ވަނީ ޤާނޫނުން އެކައުންސިލާއި މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށްވުރެ ބޮޑަށް، ރަސްމީގަޑީގައާއި ނުރަސްމީ ގަޑީގައިވެސް އިދިކޮޅު ކެންޑިޑޭޓުގެ ކެމްޕެއިން ކުރުމަށާއި އަދި މި އިންތިޚާބާ ދިމާކޮށް ކައުންސިލުން ގޯތި ދިނުމާއި މިހާރު ކައުންސިލް ބިން ދޫކޮށްފައިވާ ފަރާތްތަކުގެ ބިން ބޮޑުކޮށްދޭނެ ކަމަށް ވެސް ހޯރަފުށީ ކައުންސިލުންވަނީ ބުނެފައެވެ. ނަމަވެސް މިއީ ކަނޑައެޅިގެން އިންތިޚާބުތަކާ ބެހޭ ޤާނޫނުންވެސް މުޅިން ޚިލާފުކަމެކެވެ.

އެހެން ކަމުން ޤާނޫނުތަކުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި ކެމްޕެއިންކުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހޯރަފުށީ ކައުންސިލް މެމްބަރުންނަށް ވަނީ ގޮވާލާފައެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ބަލާ ތަޙްޤީޤުކުރުމަށްވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.








