ރާއްޖޭގެ އުމްރާނިއްޔަތަށް، ފަސް އަހަރުގެ ދިގު މުއްދަތަކަށް ފަހު ދިރުން އައީ މިދިޔަ ނޮވެމްބަރުގަ އެވެ. މިވީ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 'ތަރައްގީގެ އަޑު' ވަނީ އިވެން ފަށާފަ އެވެ. މަޑުޖެހިފައި ހުރި މަޝްރޫއުތައް ރާސްލާފައި ހިނގަން ފަށައިފި އެވެ. ރާއްޖެ މިހާރު މި އޮތީ އުމްރާނީ ތަރައްގީގެ ބޮޑު ބަދަލެއްގެ ތުންފަތް މަތީގަ އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވެ އެންމެ ފުރަތަމަ ވެސް ކުރަން ޖެހުނު އެއް މަސައްކަތަކީ ތަކުލީފަކަށް ވެފައި އޮތް އަމީނީމަގު ނިންމުމުގެ މަސައްކަތެވެ. އެ މަސައްކަތް ހުއްޓިފައި އޮތީ، ބާކީ އޮތް ބައިގައި ތާރު އެޅުމަކީ 'ފަސޭހަ ކަމަކަށް ނުވާތީ' އެވެ. ބުރަބޮޑު ކަމަށް ބުނި އެ މަސައްކަތް ނިންމައި، ގަލުގެ ރާޅުތަކެއްހެން އޮތް އަމީނީމަގުގެ އެންމެ ހާލުދެރަކޮށް އޮތް ބައި މި ސަރުކާރުން ވަނީ ޖެނުއަރީ ކުރީކޮޅުގެ ތެރޭގައި ހުޅުވާފަ އެވެ.

ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން މާލޭގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް އަދި ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިނުވާނެ ގޮތަށް ހެދުމުގެ މަޝްރޫއެއް ވެސް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އޭގެ އިތުރަށް މެނިފެސްޓޯގައި ހިމެނޭ ގޮތަށް، މީހުން ދިރިއުޅޭ ރަށްރަށުގެ މަގުތަކުގައި ގަލާއި ތާރުއެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ސަރުކާރުގެ މަގު ހަދާ ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން މިކަމުގެ އަދާހަމަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހިއްސާކުރެ އެވެ. މިފަދަ ރިޕޯޓެއްގައި ހިމެނޭ ވަރަށް ވުރެ ވެސް އެ ލިސްޓު މާ ދިގެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް މަސައްކަތްތަކުގެ ތެރޭގައި ޏ. ފުވައްމުލަކުގެ މަގު ހަދާ މަޝްރޫއުގެ ދެ ވަނަ ފިޔަވައްސާއި ހއ. އިހަވަންދޫ އަދި ރ. އަލިފުށީގެ މަގު ހެދުމުގެ މަޝްރޫއު ހިމެނެ އެވެ.
އެއާޕޯޓުން އުފާވެރިކަން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އުމްރާނީ ތަރައްގީގެ މައިގަނޑު 12 ކަމެއް ހިމަނާފައިވެ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ މައި ދޮރޯށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމެވެ. މިދިޔަ ދެ ސަރުކާރަށް ވެސް ނުނިންމި އޮތް އެ މަޝްރޫއު މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އޮތީ ދިގުލައިގެން ގޮސް، ޑިޒައިންއަށް ވެސް ބަދަލުތަކެއް އައިސް، މަޝްރޫއު ނިންމަން 80 މިލިއަން ޑޮލަރު ބޭނުންވާ ހާލަތުގަ އެވެ. ރައީސްކަމުގެ ހުވާކުރެއްވުމުގެ ކުރިން ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް އެ ގައުމުން ވަނީ އެ ފައިސާ ދޭނެކަމުގެ ޔަގީންކަން ދީފަ އެވެ.

މި އަހަރު ފެށިގެން އައީ، އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް ހުޅުވުމާ އެކު އެވެ. އެއީ އަހަރަކު 120000 ޓަނުގެ ކާގޯ ހޭންޑްލް ކުރެވޭ ވަރުގެ ޓާމިނަލެކެވެ. މިހާރު ސަރުކާރުން މަސައްކަތް ކުރަމުން އެ އަންނަނީ މި އަހަރުގެ ޕީކް ސީޒަން ފެށެންވާއިރަށް އާ ޕެސެންޖާ ޓާމިނަލް ހުޅުވުމަށެވެ. އެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވާފައިވާއިރު، އެ މަސައްކަތާ އެކު އެއާޕޯޓް މަޝްރޫއުގެ ދެ ވަނަ ފިޔަވައްސެއް ވެސް ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ. މައި އެއާޕޯޓުން ހިދުމަތް ދޭ ފަސިންޖަރުންގެ އަދަދަށް ކުރިން ކަނޑައެޅި ޓާގެޓަކީ އަހަރަކު ހަތް މިލިއަނެވެ. ނަމަވެސް ދެ ވަނަ ފިޔަވައްސާ އެކު ރައީސް މުއިއްޒުގެ އަމާޒަކީ އެ އަދަދު 25 މިލިއަނަށް މަތިކުރުމެވެ.

ރައީސްގެ މެނިފެސްޓޯގައި އޮތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުން އެކަންޏެއް ނޫނެވެ. އެމަނިކުފާނުގެ ސިޔާސަތަކީ މީހުން ދިރިއުޅޭ ރަށްރަށުން ފުރައިގެން 30 މިނެޓުން ދެވޭ ހިސާބުގައި ވައިގެ ބަނދަރުތައް ތަރައްގީ ކުރުމެވެ. އުތުރުން ދެކުނަށް، އެކި ރަށްރަށުގައި އެއާޕޯޓު އަޅަން ރައީސް ވެވަޑައިގަތް ވައުދުތައް ފުއްދެވުމަށްޓަކައި މި އަހަރު ފެށުނީއްސުރެ އެ މަޝްރޫއުތައް އެކި ކުންފުނިތަކާ އަންނަނީ ހަވާލުކުރަމުންނެވެ. ދެން އޮތީ އަމަލީ މަސައްކަތް ފަށައި، މި ދައުރު ނިމުމުގެ ކުރިން އެ އެއާޕޯޓުތަކުގެ މަސައްކަތް ނިންމައި، ދަތުރުފަތުރަށް ހުޅުވާލުމެވެ.
ބްރިޖުގައި ހަގީގީ ކުލަ ޖެހެން ފެށުން
މާލެ އާއި ގުޅީފަޅު ގުޅުވާލާ ބްރިޖަކީ މިދިޔަ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު އަދި އެންމެ ބޮޑު ނާކާމިޔާބީ އެވެ. އެ މަޝްރޫއުގެ މަސައްކަތް އޮގަސްޓު 2022ގައި ފެށި ނަމަވެސް، ނިމުނީ ވެރިކަމެވެ. ފެނުން މަތީގައި ބްރިޖުގެ އެއްވެސް ހިލަމެއް ފެންނާކަށް ނެތެވެ. އެ މަޝްރޫއު ވެސް ވާރުތަވީ މި ސަރުކާރަށެވެ.
މިވީ ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ އެ މަޝްރޫއުގެ ސްޕީޑު އެތައް ގުނައަކުން މަތިކޮށްފަ އެވެ. ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުއާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން އެ މަސައްކަތް ތާވަލަށް ވުރެ ވެސް %1.11 ވަނީ ކުރިއަށް ޖައްސާލެވިފަ އެވެ.
މަޝްރޫއުގެ %35 އަށް ވުރެ ބޮޑު އިންސައްތައެއް ނިމިފައިވާއިރު، މުޅި މަޝްރޫއު ނިންމަން ކަނޑައަޅާފައިވާ ތާރީހަކީ 30 ސެޕްޓެމްބަރު 2026 އެވެ.

ހިތަދޫ – ހުޅުދޫ ބްރިޖު
ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މި މަޝްރޫއަކީ އައްޑޫ ސިޓީގެ ތާރީހުގައި ވެސް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. ރައީސް ވައުދުވެވަޑައިގަތީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ސަރުކާރުން މި އަހަރު ފަށާނެ ކަމަށެވެ. އެކަމުގެ ޔަގީންކަން ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ވެސް އެމަނިކުފާނު ވަނީ ދެއްވާފަ އެވެ. ފެބްރުއަރީގައި އެ މަޝްރޫއުގެ ފީސިބިލިޓީ މަސައްކަތްތައް ފަށައި، މަހެއްހާ ދުވަހުގެ ތެރޭގައި ވަނީ ނިންމާފަ އެވެ.
ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް
މި ސަރުކާރުން ވެރިކަމާ ހަވާލުވެ، އެންމެ ފުރަތަމަ ބިން ހިއްކަން ފަސްކޮޅެއް އެޅި ތަނަކީ މާލެ ކައިރީގައި އޮންނަ ފުށިދިއްގަރުފަޅެވެ. ބަޓަނަކަށް ފިއްތަވާލައްވައި، ރައީސް މުއިއްޒު އިފްތިތާހުކޮށްދެއްވި އެ މަޝްރޫއަކީ، ރާއްޖޭގެ ތާރީހުގައި ވެސް ބިމުގެ އެންމެ ބޮޑު ސަރަހައްދެއް ހިއްކާނެ މަޝްރޫއެވެ. އެއީ މުޅި ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދޭނެ ވަރުގެ ޒަމާނީ ސިޓީއެއް ބިނާކުރަން ފެށުމެވެ. ގާތްގަނޑަކަށް 1200 ހެކްޓަރުގެ ބިން ހިއްކާ އެ މަޝްރޫއު ކުރިއަށްގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.


ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ބަލާއިރު މިވީ ހަ މަސް ދުވަހުގެ ތެރޭގައި ހަތަރު ރަށެއްގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ނ. މާފަރު، ގއ. ކޮލަމާފުށި، ފ. ނިލަންދޫ (އެއާޕޯޓަށް ބޭނުންވާ ބިން) އަދި ލ. މާވަށެވެ.
ސަރުކާރުން ބުނެދިނީ ދައުރުގެ ފަހުކޮޅަށް ނުބަހައްޓާނެކަން
މިއީ މީގެ ކުރިން އައި ހުރިހާ ސަރުކާރަކާއި ރައީސް މުއިއްޒުގެ ސަރުކާރާ ހުރި އެންމެ ބޮޑު ތަފާތެވެ. ފާއިތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މި ސަރުކާރުން ސާބިތުކޮށްދިން ކަމަކީ، ގޮންޖެހުންތައް ހުރި ނަމަވެސް، އެ ގޮންޖެހުންތައް ވެސް ގިރާކުރަމުން، އެކި ގޮތްތައް ހޯދައިގެން ރައްޔިތުންގެ މަންފާއަށް ކޮންމެހެން ބޭނުންވާ މަޝްރޫއުތައް ދައުރުގެ ފަހުކޮޅަށް ނުބަހައްޓާނެ ކަމެވެ.
މި ސަރުކާރުން އަންނަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަމަލީ ގޮތުން ނަތީޖާ ދައްކަމުންނެވެ. ސަރުކާރުގެ ފުރަތަމަ 14 ހަފްތާއަށް ކަނޑައެޅި މަގުޗާޓު 'ހަފްތާ 14' ފުރިހަމަ ކުރުމަކީ އޭގެ ހެއްކެކެވެ. ހަފްތާއަކު ދެ ދުވަހު ސަރުކާރު ބަންދުވި ނަމަވެސް، އެ ކަން ހާސިލުކުރީ ބަންދު ދުވަސްތައް ވެސް ހިމަނައިގެންނެވެ. ރައްޔިތުންނަށް ހިދުމަތްކުރަން ދުވާލަކު 24 ގަޑިއިރު ދީގެންނެވެ.



