ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބ.ކަމަދޫ ބްރާންޗުން ކަރަންޓް ބިލް ތައްޔާރުކޮށް އެރަށުގެ ގޭގެއަށާއި ވިޔަފާރިތަކަށް ފޮނުވާފައިވާއިރު، ބިލުތަކުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސް ފައިސާ ނަގާފައިވާ މައްސަލައިގައި ކޮރަޕްޝަނުގެ ދަޢުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހަށް މި މަހުގެ 16 ވަނަ ދުވަހު މި މައްސަލަ ފޮނުވާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުޤީގުކުރުމަށް ފަހުގައެވެ.
މި މައްސަލާގައި ދައުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ ބ.ކަމަދޫ ބްރާންޗުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ، ޢާއިޝަތު ސަމިއްޔާ (މިނާ، ބ.ކަމަދޫ) ގެ މައްޗަށެވެ. އެ ފަރާތުގެ މައްޗަށް ދަޢުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތުން އެފަރާތުގެ ވާޖިބު އަދާކުރުމުގައި، އެފަރާތަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މައްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.
2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ޢާއިޝަތު ސަމިއްޔާ ފެނަކަ ކޯޕަރޭޝަނުގެ ބ.ކަމަދޫ ބްރާންޗުގެ ކަރަންޓް ބިލުތަކުން ޖުމްލަ 375,405.52ރ ނަގާ އެފައިސާ ބޭނުން ކޮށްފައިވާކަމަށް އޭސީސީން ވަނީ ބުނެފައެވެ.
އެފައިސާ އަނބުރާ ހޯދުމަށް ފެނަކަ ކޯޕަރޭޝަނަށް އެންގުމަށް އޭސީސީން ވަނީ ނިންމާފައެވެ. އަދި މި އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެ ފައިސާ އަނބުރާ ހޯދައިދިނުމަށް އެކޯޕަރޭޝަނަށް އެންގުމަށްވެސް އޭސީސީން ވަނީ ނިންމާފައެވެ.



