ސަލާމަތްކަމާއި އަމާންކަމުގެ މަގު ދޫކޮށްލައި، މުދަލަށް ދަހިވެއްޖެ ކޮންމެ މީހަކަށް އޮތީ ނާމާންކަމާއި ބިރުވެރިކަން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ މުދަލަށް ލޯބިކުރުމާއި، މުދަލަށް ދަހިވެތިވުމަކީ އިންސާނާގެ ފިޠުރަތުގައިވާ ކަމެއް ނަމަވެސް އަމާންކަމުގެ މަގު ދޫކޮށްލައި، މުދަލަށް ދަހިވެއްޖެ ކޮންމެ މީހަކަށް އޮތީ ނާމާންކަން ކަމަށެވެ. އެމީހާ ނަރަކައަށް ވެއްޓޭ ހިނދު، އެމީހާގެ މުދާ އެމީހާއަށް އެއްވެސް ކަމެއް ފުއްދާ ނުދޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ މުދަލަކީ، އެއްވެސް ޙާލެއްގައި އެއިން ހޭދަނުކޮށް ރައްކާކޮށްފައި ބަހައްޓަންވީ އެއްޗެއްނޫން ކަމަށެވެ. އެގޮތުން މުދާވެރިކަމާއި، ތަނަވަސްކަން ލިބިފައިވާ މީހުން ޒަކާތް ދެއްކުމާއެކު، الله ގެ މަގުގައި ހޭދަކުރުމާއި، ފަޤީރުންނާއި، ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި މާތް الله ގެ މަގުގައި ހޭދަކުރުމާއި، މުޖުތަމަޢަށް ފައިދާހުރި ކަންތަކުގައި މާލީގޮތުން ބައިވެރިވުމާއި، ބޭނުންޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދައި ދިނުން ފަދަ ކަންކަމަކީ ކުރަންޖެހޭ ކަންކަން ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ މުސްލިމުންގެ މުދަލުން ޒަކާތަށް ކަނޑައެޅިފައިވާ މިންވަރު ނެރުމަކީ އިސްލާމްދީނުގެ ރުކުނެއް ކަމުގައި ވީހިނދު، ޒަކާތް ވާޖިބުވެއްޖެ ކޮންމެ މީހަކުމެ، ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެ ކަމަށެވެ. އެގޮތުން މުދަލު ޒަކާތް ދެއްކުމުގައި ފަރުވާކުޑަނުކޮށް ދީނީ ވާޖިބު އޭގެ ފުރިހަމަގޮތުގައި އަދާކުރުމަށް އެންމެހައި މުސްލިމުންނަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.
ޚުތުބާގައި ބުނީ ޒަކާތްދިނުމާއި ޞަދަޤާތް ދިނުމުގެ ދުންޔަވީ މަންފާތަކުގެ ތެރޭގައި ތިމާގެ މުދާ ޠާހިރުވުމާއި ބަލިތަކަށް ޝިފާލިބުން ލައްވާފައިވާ ކަމަށެވެ. އަދި ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޒަކާތަކީ ހަމައެކަނި ފިޠުރު ޒަކާތްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ވަރަށް ގިނަ ބަޔަކު މުދަލު ޒަކާތް ނުދައްކާކަން ފާހަގަކުރެވޭ ކަމަށެވެ.
ޚުތުބާގައި ބުނީ ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވައި ފަރުޟު ކުރައްވާފައިވާ ޒަކާތަކި މުދަލު ޒަކާތް ކަމަށެވެ. އަދި އިސްލާމްދީނުގެ ރުކުނެއް ކަމުގައި ކަނޑައަޅުއްވާފައިވާ ޒަކާތަކީވެސް މުދަލު ޒަކާތް ކަމަށް ޚުތުބާގައި ބުންޏެވެ. ޚުތުބާގައި ބުނީ ފިޠުރު ޒަކާތަކީ ވެސް ވާޖިބެއް ނަމަވެސް އެއީ އިސްލާމްދީނުގެ ރުކުނެއް ނޫން ކަމަށެވެ. އެހެންކަމުން ޒަކާތުގެ ނިޞާބު ހަމަވާ މިންވަރަށް ތިމާގެ އަތުގައި ފައިސާ ނުވަތަ މުދާ ހުރެފައި، އެއަށް ހަނދުމަހުން އެއްއަހަރު ހަމަވުމުން ޒަކާތް ނެރުން ވާޖިބުވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. އޭގެ މިންވަރަކީ ފައިސާގެ ނުވަތަ މުދަލުގެ ސާޅީސް ބައިކުޅަ އެއްބައި ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ މުސްލިމުން ނަމާދު ކުރަން ދަސްކުރާ ފަދައިން، އަދި ޙައްޖަށް ދާން އުޅޭއިރު، ޙައްޖުގެ އަޅުކަން އަދާކުރާނޭ ގޮތް ދަސްކުރާ ފަދައިން، ޒަކާތާބެހޭ ޙުކުމްތައްވެސް ދަސްކުރަން ޖެހޭނެ ކަމަށެވެ. ވަކިން ޚާއްޞަކޮށް ތަނަވަސްކަމުގެ އަހުލުވެރިން، މިކަން ކުރަން އޮންނަގޮތް ދެނެގަންނަން ޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރާނަމަ އިސްލާމީ މުޖްތަމަޢުގެ ވަރަށް ގިނަ އިޖްތިމާޢީ މައްސަލަތައް ޙައްލުވާނޭކަން ކަމަށެވެ. އެގޮތުން ޙަސަދަވެރިކަމާއި، ރުޅިވެރިކަން އެބައިމީހުންގެ މެދުން ފިލާ، އެބައިމީހުންގެ މެދުގައި ފަޤީރުކަންނެތި، މުޖްތަމަޢުގެ އެންމެހައި ފަރުދުން ފުދުންތެރި ބަޔަކަށް ވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.



