ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓް "ކޫލް ސްކޫލް" އަށް ޗައިނާ އިން މިއަދު އޭސީތަކެއް ހަދިޔާކޮށްފިއެވެ.
މާލެ ސީއެޗްއެސްއީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާއިން ހަދިޔާކުރި އޭސީތައް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިން އެވެ. ދިވެހި ސަރުކާރުގެ ފަރާތުން އޭސީތަކާ ހަވާލުވެވަޑައިގަތީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މި އޭސީތައް ހަރުކުރުމުން ކިޔެވުމަށް ފަސޭހަ މާޙައުލެއް ފަހިވާނެ ކަމަށެވެ.
"ކޫލް ސްކޫލް" ޕްރޮޖެކްޓަކީ ރާއްޖޭގެ ހުރިހާ ސްކޫލެއް ދެ އަހަރުގެ ތެރޭގައި އޭސީ ކުރުމަށް މިއަހަރުގެ ޖޫން މަހު ފެށި މަޝްރޫއެކެވެ.
މި ޕްރޮޖެކްޓުގެ މަޤުސަދަކީ ހަމައެކަނި ފިނިކުރުން ނޫން ކަމަށާއި، އޭގެ ސަބަބުން ދަރިވަރުންގެ ސުލޫކާއި އުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އަދި މި މަޝްރޫއުގެ 30 ޕަސެންޓު ގެންދާނީ އިޔާދަކުރަނިވި ހަކަތައިން ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ޗައިނާއިން ހަދިޔާކުރި އޭސީގެ ޢަދަދެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.



