ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.
އަމީނިއްޔާ ސްކޫލާ އިންވެގެން ހުރި ކުރީގެ ސީއެޗްއެސްއީ ޢިމާރާތް ރަސްމީކޮށް މިރޭ ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
މާލޭގައި ހުރި ސީއެޗްއެސްއީގައި ކިޔަވައިދިނުން ހުއްޓައިލައި، އެ ތަން ބަންދުކުރީ ހުޅުމާލޭގައި ސީއެޗްއެސްއީގެ އާ އިމާރާތެއް ހުޅުވަމަށްފަހު، އެ ތަނަށް ކިޔެވުން ބަދަލުކުރުމާއެކުގައެވެ.
މާލޭ ސީއެޗްއެސްއީ ރައީސް ހުޅުވައިދެއްވި ރަސްމިއްޔާތުގައި ސީއެޗްއެސްއީގެ ދަރިވަރުންގެ ފަރާތުން ވަނީ ރައީސަށް، ސްކޫލުގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް އަރުވާފައެވެ.
މާލޭގެ ސީއެޗްއެސްއީ ބަންދުކޮށްލުމަށްފަހު ހުޅުމާލެއަށް ބަދަލުކުރުމުގެ ސަބަބުން، މާލޭގައި އޭލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތި އެކަމުގެ ދަތިތަކާއި ގިނަ ދަރިވަރުންނާއި ބެލެނެވެރިން ވަނީ ތަޙައްމަލް ކޮށްފައެވެ. އެކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައިވަނީ އެ މައްސަލަ މި ސަރުކާރުން ޙައްލު ކޮށްދެއްވާނެ ކަމަށެވެ.
އެހެންވެ، އެތަނުގެ އާބާތުރަ ފިލުވައި، 423 ދަރިވަރުންނާއެކު އަލުން ކިޔަވައި ދޭން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހެވެ.
ސަރުކާރުގެ ސިޔާސަތަކީ ތަޢުލީމު އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށްވާއިރު، މާލޭގެ ސީއެޗްއެސްއީ އަކީ މަތީ ސާނަވީއަށް ކިޔަވައިދޭ މާލޭގައި ހުރި އެންމެ ފެންވަރު ރަނގަޅު ތަނަށް ވެގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.



