މިދިޔަ މަސް ނިމެން އުޅެނިކޮށް އެމްޑީޕީގެ މަސްލަޙަތު ހިމާޔަތް ކުރުމަށް ބިމާބެހޭ ޤާނޫނަށް އެޕާޓީގެ މެޖޯރިޓީއާއެކު ފާސްކުރި އިސްލާޙު ތަޞްދީޤު ނުކުރައްވަވާ, ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ އަނބުރާ މަޖިލީހަށް ފޮނުވާފައެވެ.
މިއަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރައްވައި، 2 މޭ 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ތަޞްދީޤުކުރެއްވުމަށް އެދިވަޑައިގެން ފޮނުއްވާފައިވާ މިބިލުގައި، އެމްޑީޕީގެ ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް ދީފައިވާ ގޯތިތަކުގެ ތެރެއިން މިހާތަނަށް ޙަވާލު ނުކުރާ ގޯތިތައް 3 މަސްދުވަހުގެ ތެރޭގައި ޙަވާލުކުރަން ސަރުކާރަށް ލާޒިމް ކޮށްފައިވެއެވެ.
އިބްރާހީމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ބޭނުންފުޅުވިލެއް ބޮޑުކަމުން، ޤައުމުގެ ބިންތައް އެމަނިކުފާނުގެ އަރިސް ފަރާތްތަކަށާއި ރިޔާސީ އިންތިޚާބަށް އެމްޑީޕީއަށް ޚަރަދުކުރި ފަރާތްތަކަށް ބަހާލިކަމަށް ބުނެ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ. އަދި އެގޮތަށް ބިންތައް ހިލޭ ދެވިގެންނުވާނެ ކަމަށް ބުނެ އެންޓިކޮރަޕްޝަނަށް މައްސަލަ ހުށަހެޅިވެސްމެއެވެ.
މި ބިލު ތަޞްދީޤް ނުކުރައްވާ، އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާލިއިރު ރައީސް އޮފީހުން ވިދާޅުވީ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" އާ މެދު އަލުން ވިސްނާވަޑައިގަތުމަށް، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.



