އިންޓަގްރޭޓެޑް ޓޫރިޒަމަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އައްޑޫ ހަންކެޑެ މަޝްރޫޢުގެ ދަށުން، ހަންކެޑެ ބްރިޖުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން އައްޑޫ ސިޓީގައި މިހާރު އަޅަމުންދާ ހަންކެޑެ ބްރިޖުގެ ތާރު އެޅުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް ޖުމްލަ 820 މީޓަރުގައި ތާރު އަޅާ ނިމިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.
ހަންކެޑެ މަޝްރޫޢުގެ ބިންގާ އަޅާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 15 ގައެވެ. އޭގެ ދެތިން ދުވަސް ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ ހަންކެޑެ މަޝްރޫޢު ނިމޭއިރު 3780 ވަޒީފާގެ ފުރުޞަތު އުފެދިގެން ދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ 2080 އެނދުގެ ހަންކެޑެ މަޝްރޫއު ނިމިގެންދާއިރު 1980 ވަރަކަށް ސީދާ ޑައިރެކްޓް ވަޒީފާ އުފެދިގެންދާނެ ކަމަށާއި އެއާ ގުޅިގެން އަންނަ އިންޑަސްޓްރީތަކާއެކު އިތުރު 1800 އެއްހާ ވަޒީފާ އުފެދިގެންދާނެ ކަމަށެވެ.
ހަންކެޑެ ތަރައްގީކުރަން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ) އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ މާޗް 30 ގައެވެ. އެތަން ތަރައްގީ ކުރަން ހަމަޖެއްސީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.
މި މަޝްރޫޢުގައި ޖުމްލަ 1,041 ކޮޓަރި ހިމެނެއެވެ.



