ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައި ގަދަވެ، ބައެއް ސަރަޙައްދުތަކަށް އުދަ އަރާފާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑީއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ވައިގަދަވެ ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައި ވާއިރު، މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައަކީ ހުޅަނގު މޫސުން ފެށުމާ ގުޅިގެން ކުރަމުން އަންނަ ވިއްސާރަކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
އެ އިދާރާއިން ބުނީ ފާއިތުވި 24 ގަޑިއިރު ތެރޭ އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ގދ. ތިނަދޫ އަށް ކަމަށެވެ. އެގޮތުން 18.3 މިލިމީޓަރުގެ ވާރެ އެރަށަށް ވެހިފައިވާއިރު، ދެވަނައަށް އެންމެ ބޯކޮށް ވެހުނު ގދ. ކާޑެއްދޫއަށް ވެހިފައިވަނީ 17.4 މިލިމީޓަރުގެ ވާރެއެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރެ ވެހޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާއި ދެމެދު ހުންނާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
ހުޅަނގު މޫސުމާއި ގުޅިގެން މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ގެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ފަދަ ތަކެތި ޖެހުމަށާއި، ވާރެ ވެހި ފެންބޮޑުވާނެ ކަމަށް ތައްޔާރުވުމުގެ ފިޔަވަޅުތައް އެޅުމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.



