ރައީސުލްޖުމްހޫރިއްޔާ މިހާރު ފ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ފ.ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން " ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ތަރައްގީ ހާސިލުވާގޮތަކަށް ކަންކަން ކުރުންކަމަށާއި އެގޮތުން މި ސަރުކާރުގެ ތަރައްގީގެ މާސްޓަރ ޕްލޭންއާ އެއްގޮތަށް 7 އަރބަން ސެންޓަރު ގާއިމުކުރައްވައި އޭގެތެރެއިން ފ އަތޮޅުގެ ރައްޔިތުން ފަހުރުވެރިވާފަދަ އަރބަން ސެންޓަރަކަށް، ނިލަންދޫ ހައްދަވާ ދެއްވަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ މި ސަރުކާރުން ހާއްސަގޮތެއްގައި ނިލަންދޫގެ ތަރައްގީއަށްޓަކައި ކުރުމަށް ރާވާފައިވާ ކަންކަން ރައްޔިތުންނާ ވަރަށް ތަފްސީލީ ގޮތެއްގައި ހިއްސާ ކުރައްވާފައެވެ. ނިލަންދޫގެ އެއާޕޯޓް ތަރައްގީކުރުމަށްޓަކައި ބިންހިއްކުމުގެ މަޝްރޫއު ފެށިފައިވާކަމާއި، އޭގެ އިތުރަށް ދެ ރިސޯޓެއް ތަރައްގީކުރައްވާނެކަމަށާއި، ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް ރާވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ފަރާތުން އެދިލެއްވި ކަންކަމުގެ އިތުރުންވެސް ނިލަންދޫ ތަރައްގީކުރުމަށް މަސައްކަތްކުރައްވާނެކަމުގައެވެ.

ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާ ކަމަށާއި އެމަނިކުފާނަށް މުހިންމީ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ޚިދުމަތް ދިނުން ކަމުގައެވެ.

އަދި މީގެ އިތުރަށް ހަޤީޤީ މާނާގައި، އިޚްލާސްތެރިކަމާއެކީގައި، މި ޤައުމަށް ހަމަޖެހުން ގެންނަން މި ސަރުކާރުން ކުރަމުންދާ މަސައްކަތްޕުޅުތަކަށްވެސް އެމަނިކުފާނު މި ބައްދަލުވުމުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން "ސިޔާސީ ވީމަ ބަދަލު ހިފުން އެއީކީ ކުރާނެކަމެއް ނޫން" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެއާއެކު އެމަނިކުފާނަށް މުހިންމީ 'ބާރު ސްޕީޑު' ގައި ތަރައްޤީ ގެންނަންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކަން ކުރުމަށް ރައްޔިތުންގެ އެއްބާރުލުން ލިބޭނަމަ އަވަހަށް ތަރައްޤީ ގެނައުމަށް ފުރުޞަތު ފަހިވެގެން ދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.