ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް ލޭބަލް ޖެހުމާ ބެހޭ ޤަވާޢިދަށް މިއަދު ގެނެވުނު އިޞްލާޙައި ގުޅިގެން، ޝަރުތު ފުރިހަމަނުކޮށް ރާއްޖެ ގެންނަ ދުންފަތުގެ ބާވަތްތައް ނައްތާލުމަށް ހިނގާ ޚަރަދު އެ ތަކެތި ގެނައި ފަރާތުން ދައްކަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
މި އިޞްލާޙުގެ ދަށުން، ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ މަރުޙަލާގައި ޤަވާޢިދާއި ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމާއި، ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތާއި، ޤަވާޢިދާއި ޚިލާފަށް ހުންނަ ތަކެތި ނައްތާލުމުގެ ޒިންމާ ކަސްޓަމްސްއާ ޙަވާލުކޮށްފައިވެއެވެ. ނަމަވެސް، ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ މަރުޙަލާ ފިޔަވައި އެހެން ޙާލަތްތަކުގައި މި މަސްއޫލިއްޔަތު އަދާކުރާނީ އެޗްޕީއޭއިންނެވެ.
ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތުން، ޕޯސްޓު ނުވަތަ ކުުރިއަރ މެދުވެރިކޮށް ނުވަތަ އޯޑަރުކޮށްގެން ވިޔަފާރީގެ ބޭނުން ފިޔަވައި އެހެނިހެން ޙާލަތްތަކުގައި ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށްފިނަމަ، އެތަކެތި ރާއްޖެ އެތެރެކުރި ފަރާތް ޖޫރިމަނާކުރުމަށްފަހު ކަސްޓަމްސްގެ ޢާންމު ޤަވާޢިދާއި އެއްގޮތަށް އެ ތަކެތި ނައްތާލަންވާނެއެވެ. އަދި ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް އެ ތަކެތި ނައްތާލުމަށް ހިނގާ ޚަރަދު، އެ ތަކެތި ރާއްޖެ ގެނައި ފަރާތުން ކަސްޓަމްސްއަށް ދައްކަންޖެހޭނެއެވެ.
މީގެއިތުރުން، ހިފަހައްޓާ ތަކެތި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ހުންނައިރު ހިނގާ ޚަރަދު ވެސް އެ ތަކެތި ރާއްޖެ ގެނައި ފަރާތުން ދައްކަންޖެހޭނެ ކަމަށް ޤަވާޢިދުގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، ޕޯސްޓް ނުވަތަ ކޮރިއަ ސާވިސް މެދުވެރިކޮށް ނުވަތަ އޯޑަރުކޮށްގެން އަމިއްލަ ބޭނުމަށް، ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ރާއްޖެއިން ބޭރުން އަންނަ މީހުން ގެންނަ ދުންފަތުގެ ބާވަތްތައް ޖޫރިމަނާކުރުމުން އިސްތިސްނާ ކުރެވޭނެއެވެ.
މި ޤަވާޢިދަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން، ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމުގައި ޤަވާޢިދާއި އެއްގޮތަށް ޢަމަލުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.



