އީރާނުން ލިޔެކިޔުންތައް ނެތް އަފްޣާނިސްތާނުގެ ހިޖުރަވެރިން ފޮނުވާލުން އިތުރުކޮށްފައިވާ ކަމަށާއި، ކޮންމެ ދުވަހަކު 3،000 އާ ހަމައަށް މީހުން އަނބުރާ އަފްޣާނިސްތާނަށް ފޮނުވާ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
އީރާނުގެ ޑިރެކްޓަރު ޖެނެރަލް އޮފް ފޮރިން ނޭޝަނަލްސް އެންޑް މައިގްރެންޓްސް އޮފް ޚުރާސާން ރަޒާވީ ހުސެއިން ޝަރަފާތީ ވިދާޅުވި ގޮތުގައި ދުވާލަކު 3،000 އަށް ވުރެ ގިނަ އަފްޣާން މީހުން ބަންދުކޮށް ދޮޣަރޫން ބޯޑަރު މެދުވެރިކޮށް ގާނޫނީ އިޖުރާއަތުތަކަށް ތަބާވެ އަނބުރާ ފޮނުވާލާ ކަމަށާއި، މިކަން ކުރަނީ ޚުރާސާން ޕްރޮވިންސްގައި ދިރިއުޅޭ ލިޔެކިޔުންތައް ނެތް އަފްޣާނިސްތާނުގެ ރައްޔިތުން ދެނެގަނެ، ބަންދުކުރުމަށްފަހު ކަމަށް އީރާނުގެ ދައުލަތުގެ ނޫސް އެޖެންސީ އިރްނާ އިން ރިޕޯޓްކޮށްފައިވެއެވެ.
ޝަރަފާތީ ދާދި ފަހުން ޓައިބާދު ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި "ހުއްދަ ނެތް އަފްޣާން ރައްޔިތުން" ބޭތިއްބުމަށް 20 ހެކްޓަރުގެ ބިމެއް ވެސް ބައްލަވާލެއްވި ކަމަށް އިރްނާ އިން ބުނެފައިވެއެވެ. ނަމަވެސް އެތަނުގައި ހިޖުރަވެރީންގެ ތެރެއިން އެއްވެސް ބަޔަކު ބަންދުކޮށްފައި ނުވަތަ ބައިތިއްބާފައި ތިބިކަމެއް ކަށަވަރެއް ނުވެއެވެ. ރާއްޖޭގައި ބަންގްލަދޭޝް މީހުން ވީސާ ނެތި އުޅޭހެން އިރާނުގައިވެސް ވަރަށް ގިނަ އަފްޣާން ރައްޔިތުން ދިރިއުޅެއެވެ. ސަބަބަކީ އެމެރިކާއާއި ނޭޓޯއިން 40 އަހަރުވަންދެން އަފްޣާނިސްތާނަށް އަތްގަދަކުރުމަށް ދެމުންދިޔަ ޙަމަލާ ތަކުން ސަލާމަތްވުމަށް ވަރަށް ގިނަ އަފްޣާން ރެފިއުޖީން އީރާނާއި ޕާކިސްތާނަށް އެތެރެވިއެވެ. އެގޮތުން މަދުވެގެން 8 މިލިއަނެއްހާ އަފްޣާނިސްތާން ރެފިއުޖީން އީރާނަށް އެތެރެވިއެވެ. އީރާނަކީ އަފްޣާން މުސްލިމުންނަށް ޙިމާޔަތް ދިން ޤައުމެކެވެ.
ނަމަވެސް، އިބްރާހީމް ރައީސީ އަވަހާރަވުމަށްފަހު، ރައީސް މަސޫދު ޕެޒެޝްކިއަން ވެރިކަމަށް ވަޑައިގަތުމާ ގުޅިގެން އީރާނުގައި ޤަވާޢިދާއި ޚިލާފަށް އުޅޭ ފަރާތްތައް ހަމަހަމަގަށް އެޅުވުމުގެ ގޮތުން ހަރުކަށި އުޞޫލުތައް ހެދިއިރު އެ އުޞޫލުގެ ތެރެއިން. ީސާ ނެތި އުޅޭ މީހުން ބޭރުކުރްން ޖެހެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އީރާން ސަރުކާރުން ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ލިޔެކިޔުން ނެތް ދެ މިލިއަން ބިދޭސީން ފޮނުވާލާނެ ކަމަށް އިއުލާންކޮށްފައެވެ. އީރާނުގެ އޮފިޝަލުން "ގަވާއިދާ ހިލާފު ބިދޭސީން" ގެ ވާހަކަ ދައްކާއިރު އާންމުކޮށް މާނަކުރަނީ އަފްޣާނިސްތާނުން ހިޖުރަކުރާ މީހުންނަށް ކަމަށް ފާހަގަކުރެވެއެވެ.
އދ.ގެ ރެފިއުޖީ އެޖެންސީން ލަފާކުރާ ގޮތުގައި މިހާރު އީރާނުގައި ދިރިއުޅެނީ ގާތްގަނޑަކަށް 4.5 މިލިއަން އަފްޣާން ރައްޔިތުން ކަމަށާއި، ނަމަވެސް އީރާނުގެ ނޫސް އެޖެންސީތަކުން ބުނާ ގޮތުގައި ހަގީގީ އަދަދު 6 މިލިއަން ނުވަތަ 8 މިލިއަނަށް އަރާފާނެ ކަމަށް ބެލެވެއެވެ.



