ކޮރެއާގެ މަޝްހޫރު ޑްރާމާ ސީރީޒް "ސްކުއިޑް ގޭމް" ގެ ދެވަނަ ބައިގެ ޓީޒާ ނެޓްފްލިކްސްއިން ދައްކާލާފިއެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަން ޕްރިމިއާކުރީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
"ސްކުއިޑް ގޭމް" އަކީ ދެކުނު ކޮރެއާގެ ޑައިރެކްޓަރު ވަންގް ޑޮންގް-ހީކް ލިޔެ، ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓްކޮށްފައިވާ ސަވައިވަލް ސީރީޒެކެވެެ. މި ސީރީޒްގައި ދައްކާލަނީ ދެކުނު ކޮރެއާގެ މަގުތަކުން މީހުން ވަގަށް ނަގައިގެން އެކަހެރި ޖަޒީރާއަކަށް ގެންގޮސް، ކޮރެއާގެ މަޝްހޫރު ކުޑަކުދިންގެ ގޭމްތަކުގައި 456 މީހަކު އެކަކު އަނެކަކާ ކުރަން ޖެހޭ ވާދައެވެ. އަދި މި ގޭމު ކުޅުމުން ދިމާވެފައިވާ ނުރައްކާތަކަށް ކުރިމަތިލާ ގޮތް ވެސް ދައްކުވައިދެއެވެ.
ނުވަ އެޕިސޯޑް އެކުލެވޭ މި ސީރީޒަށް ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުން ވަނީ ބަލާފައެވެ. އަދި މި ސީރީޒަށް ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ވެސް ލިބިފައެވެ. މި ސީރީޒްއަށް ބަލައިގެން ބައެއް ޕާޓީތަކާއި އިވެންޓު ތަކުގައި މުނިފޫހިފިލުވައިދިނުމުގެ ގޮތުން ގޭމް ވެސް ކުޅޭކަން ފާހަގަކުރެވެއެވެ.
އެގޮތުން، ގިނަ ބެލުންތެރިން މި ސީރީޒްގެ ދެވަނަ ބަޔަކަށް ކުރި އިންތިޒާރު މިހާރު މިވަނީ ނިމުމަކަށް އައިސްފައެވެ. "ސްކުއިޑް ގޭމް" ގެ ދެވަނަ ބައި ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 26 ވަނަ ދުވަހު ނެޓްފްލިކްސް އިންނެވެ. މި ސީރީޒްގެ ދެވަނަ ބައި ވެސް ފުރަތަމަބައި ފަދައިން ކާމިޔާބުވާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.



