ފަރަންސޭސިވިލާތުގެ ޕެރިހުގައި މިއަހަރުގެ ޖުލައި 26ން އޮގަސްޓް 11ށް އޮންނަ ބައިނަލްއަޤްވާމީ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފަޚުރު ހޯދި ދިވެހި އެތުލީޓް ފާތިމަތު ދީމާ ޢަލީގެ މި ތާރީޚީ ކާމިޔާބީއަށް މަރްޙަބާ ވިދާޅުވެ، ފާޠިމަތު ދީމާ ޢަލީގެ ޢާއިލާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތްވަރުދެއްވައިފިއެވެ.
ފާތިމަތު ދީމާ ޢަލީގެ ޢާއިލާއާ މިއަދު ފޯނުން ގުޅުއްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މިއީ އޮލިމްޕިކް ކޮލިފައިންގެ ފައިނަލް މެޗެއް ކާމިޔާބުކޮށްގެން އޮލިމްޕިކްސްގައި ވާދަކުރުމުގެ ޝަރަފްވެރި ޖާގައެއް ދިވެހި ކުޅިވަރު ކުޅުންތެރިއަކު ޙާޞިލްކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ވަރަށް އުފާކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ މޮޅު ޓޭބަލްޓެނިސް ކުޅުންތެރިންނާއި ވާދަކޮށް ދިވެހިރާއްޖޭގެ ޒުވާން އަންހެން އެތުލީޓަކު މި ހޯދި ބޮޑު ކާމިޔާބީއަށް މުޅި ރާއްޖެ ފަޚުރުވެރިވާކަން ފާހަގަކުރެއްވިއެވެ.
ކުޅިވަރުގެ ރޮނގުގައި ވަރަށް ޅަ އުމުރުގައި ފާތިމަތު ދީމާ ޢަލީ ހޯދަމުންދާ ހަލުވި ކާމިޔާބީތަކާ ކުޅިވަރުގެ ހުނަރު އިތުރަށް އުނގެނި ކުރިއެރުމަށް ކުރަމުންދާ ހިތްވަރު ރައީސް ފާހަގަކުރެއްވީ ނަމޫނާއެއްގެ ގޮތުގައެވެ. އަދި މިގޮތުގައި ވަރުގަދަ ޢަޒުމަކާއެކު ހުއްޓުމެއްނެތި ކުރިއަށްދިއުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
އޮލިމްޕިކްސްގައި ވާދަކޮށް ރަނގަޅު ކާމިޔާބީއަކާ ހަމަޔަށް ދިއުމަށް ފާތިމަތު ދީމާ ޢަލީއަށް މި ލިބުނު ފުރުޞަތުގައި ދިވެހި ސަރުކާރުން ދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ. އަދި މިއީ ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި މުޅި ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު އުފަލަކާ ކުރިއެރުމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދެކުނު އޭޝިއާ ސަރަޙައްދުގެ އޮލިމްޕިކް ކޮލިފައިން ޓޭބަލްޓެނިސް ފައިނަލް މެޗު ކާމިޔާބުކޮށް ދީމާ މި ހޯދި ޝަރަފާއެކު، ރާއްޖޭގެ ތާރީޚުގައި އޮލިމްޕިކް ކޮލިފައިން ފައިނަލެއް ކާމިޔާބުކޮށް އޮލިމްޕިކްސްގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ އެތުލީޓަށް، އަދި އޮލިމްޕިކްސްގައި ޓޭބަލްޓެނިސް ކުޅުމުގެ ފުރުޞަތު ލިބޭ ފުރަތަމަ ދިވެހި ކުޅުންތެރިޔާއަށްވެސް ދީމާ ވާނެއެވެ.



