ކަސްޓަމްސްގެ ޢާންމު ޤަވާއިދަށް ގެނެސްފައިވާ 15 ވަނަ އިޞްލާޙާއި ގުޅިގެން ދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއަރހައުސްތަކުގައި ބެހެއްޓުން މަނާކޮށްފިއެވެ. މި އިޞްލާޙް ގެނެސްފައިވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙަށް މި މަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވަނިކޮށެވެ.
ކަސްޓަމްސްއިން މިހާރު ގެނެސްފައިވާ އިޞްލާޙްގެ ދަށުން، ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތް އެކުލެވޭ ތަކެއްޗާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތައް ބެހެއްޓުމަށް ބޮންޑެޑް ވެއަރހައުސް ރަޖިސްޓްރީ ނުކުރެވޭނެއެވެ. މީގެ އިތުރުން، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި، އެއާ ގުޅުންހުރި އުފެއްދުންތައްވެސް ބޮންޑެޑް ވެއަރހައުސްތަކުގައި ބެހެއްޓުން މަނާކޮށްފައިވެއެވެ.
މި އިޞްލާޙާއެކު، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ދުންފަތުގެ ބާވަތްތަކާއި، ނިކޮޓިން އެކުލެވޭ އުފެއްދުންތަކަށް ޑިއުޓީ އިނާޔަތް ދިނުން ކަސްޓަމްސްއިން ވަނީ ހުއްޓާލާފައެވެ. އަދި ބަނގުރަލާއި އޫރުމަހާއެކު، ދުންފަތުގެ ބާވަތްތައް ޝިޕް ސްޓޯރސްގެ ގޮތުގައި އެތެރެކުރުމުގެ ހުއްދަ ދޫކުރުންވެސް ވަނީ ހުއްޓާލާފައެވެ.
މި އިޞްލާޙުގައި، ކަސްޓަމްސްއަށް ޖޫރިމަނާ ކުރެވޭނެ އިތުރު ތިން ގޮތެއްވެސް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި، ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމާއި، ކަނޑައެޅިފައިވާ ރޫޓާއި ޚިލާފަށް ދަތުރުކުރުމާއި، އުޅަނދުފަހަރުގެ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް ނިއްވާލުން ހިމެނެއެވެ. މި ކަންކަމަށް 100,000 ރުފިޔާއިން ފެށިގެން 200,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.
މި އިޞްލާޙުތަކަކީ ދުންފަތުގެ ބޭނުންކުރުން ހުއްޓުވުމަށާއި، ރާއްޖެއަށް އެތެރެކުރާ މުދަލުގެ ބެލެހެއްޓުން ހަރުދަނާކުރުމަށް އަމާޒުކޮށްގެން ގެނެސްފައިވާ ބަދަލުތަކެކެވެ. މި ބަދަލުތަކުގެ ސަބަބުން ދުންފަތުގެ ބާވަތްތަކުގެ އަގު މައްޗަށް ދިއުމާއި، އޭގެ ލިބެންހުރި މިންވަރު މަދުވެގެންދާނެއެވެ.



