މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ލައްކައަކާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ.
އެގޮތުން، މި އަހަރުގެ މިހާތަނަށް ޗައިނާއިން 92773 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ.
ޗައިނާގެ ފަހަތުން ދެން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރޭގައި ހިމެނެނީ:
- ރަޝިއާ - 84162
- އިނގިރޭސިވިލާތް - 79721
- އިޓަލީވިލާތް - 73272
- ޖަރުމަންވިލާތް - 65563
- އިންޑިއާ - 47315
މެއި 15ގެ ނިޔަލަށް ރާއްޖެއަށް މި އަހަރު އައި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 833728 އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %11.6 އިތުރު އަދަދެކެވެ. އަދި މި މަހު ދުވާލަކު އެވަރޭޖްކޮށް 4363 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ.



