އައްޑޫ ސިޓީ އިން ގޯތި ލިބުނު މީހުންނަށް އަންނަ ހަފްތާގައި ގޯތިތައް ދޫކުރަން ފަށާނެކަމަށް އައްޑޫގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ އިން ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންގެ ލިސްޓު އާންމުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ. މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައި ވަނީ ގޯތިތަކަށް ޝަރުތު ހަމަވި މީހުންގެ ތެރެއިން 500 މީހުންގެ މެދުގައި ގުރު ނަގާފައެވެ.
ނިޒާރު ވިދާޅުވީ ގޯތިތައް ދިނުން ލަސްވީ އެކި ކަހަލަ ސަބަބުތަކާ ހެދި ކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބު އަދި މަޖިލިސް އިންތިޚާބާ ގުޅިގެން ކައުންސިލްގެ ވަރަށް ގިނަ މެމްބަރުން ބިޒީވުމުން އެ މަސައްކަތް މަޑުޖެހިފައި އޮތީކަމަށް ނިޒާރު ވިދާޅުވިއެވެ. ނަމަވެސް ގޯތި ދޫކުރާ ބިން ސާފުކޮށް ވާންޖެހޭ ތައްޔާރީތައް މިހާރު ވެފައިވާކަމަށް ނިޒާރު ވިދާޅުވިއެވެ.
އައްޑޫއިން ގޯއްޗަށް އެދި 4,160 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ. އޭގެ ތެރެއިން 3,972 މީހުން ޝަރުތު ހަމަވެފައިވާއިރު އައްޑޫ ސިޓީ ކައުންސިލުން ވަނީ ޝަރުތުހަމަވި އެންމެނަށް ގޯތި ދިނުމަށް ނިންމާފައެވެ.



