އީގަލްސް ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ކްރިސްޓަލް ޕެލަސ ވިއްކާލަން ނިންމައިފިއެވެ.
އެ ޓީމު ވިއްކާލުމަށް އިނގިރޭސި ވިލާތުގެ ފުޓުބޯޅަ އެޑްވައިޒަރު ކީތު ހެރިސް ވަނީ ގާތްގަނޑަކަށް 200 މިލިއަން ޕައުންޑު ޚަރަދުކުރާނެ އިންވެސްޓަރެއް ވެސް ހޯދާފައެވެ. މި ޑީލަކީ މިއަހަރު އިނގިރޭސި ފުޓްބޯޅައިގައި އެންމެ މުހިންމު އެއް ޑީލަށް ވާނެ ކަމަށް ބެލެވެއެވެ.
އިންވެސްޓަރުންގެ ގްރޫޕަކަށް ހެރިސް ލަފާދެމުން އަންނައިރު، އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ވިޔަފާރިވެރިން ކަމަށްވާ ޒަކަރިއާ ޖަންޖުއާ އާއި ނަވްޝީރު ޖަފަރު ހިމެނޭ ކަމަށް އިނގިރޭސި މީޑިއާއިން ބުނެއެވެ. ސްކައި ސްޕޯޓްސްއިން ލަފާކުރާ ގޮތުގައި މި ޑީލު ހަދާނީ ދާދި ފަހުން އުފެދުނު ކުންފުންޏެއް ކަމަށްވާ ސްޕޯޓްބޭންކް މެދުވެރިކޮށެވެ.
ފުޓްބޯޅަ ފައިނޭންސްގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ހެރިސް މީގެ ކުރިން ވަނީ މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ، އަދި ލިވަޕޫލް ފަދަ ބޮޑެތި ކްލަބްތަކާ އެކު ޑީލްތައް ހަދާފައެވެ. އެކުލަބުތަކަށް އިންވެސްޓަރުން ހޯދައިދިނީ ހެރިސް އެވެ.

ކީތް ހެރިސް- ކްރިސްޓަލް ޕެލަސް ގަންނަންވެގެން ހެރިސް ވަނީ އިންވެސްޓަރުން ހޯދާފައި.
ކްރިސްޓަލް ޕެލަސްގެ ބެލެނެވެރި ކުންފުނި ކަމަށްވާ އީގަލް ފުޓްބޯޅައިން ޙިއްސާ ގަތުމަށް އިތުރު ދެ ގްރޫޕަކުން ވެސް މަޝްވަރާ ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިވަގުތު އެމެރިކާގެ ވިޔަފާރިވެރިޔާ ޖޯން ޓެކްސްޓަރގެ އީގަލްސް ގްރޫޕަކީ ފްރާންސްގެ ލިޔޯން އާއި ބްރެޒިލްގެ ބޮޓާފޯގޯ ފަދަ ފާހަގަކޮށްލެވޭ ކްލަބުތަކުގެ ޙިއްސާ ވެސް އޮންނަ ގްރޫޕެކެވެ.



